ޖޭއެސްސީ އިސްލާހު ނުކުރެވުނު ބަޔަަކަށް ފަނޑިޔާރުންނަށް ވަކި ރަނގަޅު ގޮތެއް ހޯދައެއްނުދެވޭނެ: ޢަލީ
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ނުކުރެވުނު ބަޔަކަށް ފަނޑިޔާރުންނަށް ވަކި ރަނގަޅު ގޮތެއް ހޯދައެއް ނުދެވޭނެކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މި ސަރުކާރުން ވެރިކަމަށް އައީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުންނެވެ. ރައީސް ޞާލިޙަށް ވޯޓު ހޯދުމަށްޓަކައި އެމްޑީޕީން އޭރު އެންމެ ގަދައަށް ދެއްކި އެއް ވާހަކައަކީ ޖުޑީޝަރީ އިިސްލާހުކުރުމަށްޓަކައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭކަމަށް ބުނެ ދެއްކި ޚިޔާލީ ވާހަކަތަކެވެ.
ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި، އެ ނޫން ވެސް ބައެއް އިސްލާހުތައް ގެނައުމަށްޓަކައި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވި ޚަބަރާ ގުޅިގެން ޢަލީ ޙުސައިން ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ ސިޔާސީ ވެރިންނަށް ނުފޫޒު ފޯރުވޭ ގޮތަށް ޖޭއެސްސީ ބާއްވައިގެން ތިބޭތާ ހަތަރު އަހަރުވަނީ ކަމަށެވެ. މިއީ ޢަލީ ޙުސައިން މި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ކިތަންމެ ފަހަރަކު އެކި މަޤާމުތަކުގައި އޭނާ ވަނީ މި ވާހަކަ ދައްކަވައިފައެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ނުކުރެވުނު ބަޔަކަށް ފަނޑިޔާރުންނަށް ވަކި ރަނގަޅު ގޮތެއް ހޯދައެއް ނުދެވޭނެ ކަމަށެވެ.
''ސިޔާސީ ވެރިންގެ ނުފޫޒު ސީދާ ގޮތުން ފޯރާ ގޮތަށް ޖޭއެސްސީ ބާއްވައިގެން ތިބޭތާ ވެސް 4 އަހަރުވަނީ. ދެން ކިހިނެތްތޯ އެހެން ވަކި މާ ރަނގަޅު ގޮތެއް ފަނޑިޔާރުންނަށް ހޯދައިދެވޭނީ.''
ޖޭއެސްސީއަކީ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން 2008 ވަނަ އަހަރު އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ޖޭއެސްސީގެ ލަނޑުދަނޑިއެއްކަމަށް އޮންނަނީ ''އިންސާފު ކަށަވަރުކޮށްދޭ, އިތުބާރުހިފޭ, ޖަވާބުދާރީވާ ވިސްނުން ފަހި, ފަނޑިޔާރުގެއެއް'' ރައްޔިތުންނަށް ހޯދައިދިނުމެވެ.
ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތް:
ރައްޔިތުންގެ މަޖިލީހުގެ ރައީސް.
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް.
އެޓާނީ ޖެނެރަލް.
މަޖިލީހުގެ މެންބަރުންގެތެރެއިން ކަނޑައަޅާ މެންބަރެއް.
އާންމުންގެތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއް.
ވަކީލުންގެތެރެއިން އިންތިހާބުކުރާ ވަކީލެއް.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް (އުއްތަމަ ފަނޑިޔާރު ފިޔަވައި).
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މި ސަރުކާރު ނުކުޅެދިފައިވާތީ, ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވަނީ ދެ ފަހަރެއްގެ މަތިން އެކަމާ ގުޅިގެން މަޖިލީހަށް އިސްލާހު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ކަންކަމަށް ދިނީ ބީރު ކަންފަތެކެވެ. ގިނަ ބޭފުޅުން މިއަދު ވިދާޅުވާ ގޮތުން ޖުޑީޝަރީ އިސްލާހު ކުރުމުގެ އިޚްލާސްތެރި ނިޔަތެއް މި ސަރުކާރަކު ނެތެވެ.