މިނިސްޓަރު އަމީރު ގާނޫނާ ހިލާފު ކަމެއް ކުރައްވާނެ ކަމަކަށް ނުދެކެން: ނަޝީދު
ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަމަލު ކުރައްވާނެ ކަމަށް ނުދެކޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް(ސަންޓްރެވަލް ސިޔާމް) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ފިނޭންސް މިނިސްޓަރަށް ނޯޓިސް ފޮނުވާފައި ވަނިކޮށެވެ.
އެގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދައުލަތުގެ ގެރެންޓީ ދީފައިވާ ފަރާތަކުން ފައިސާ ނުދައްކައިފިނަމަ ކަން ކުރަންވީ ގޮތް މާލިއްޔަތު ގާނޫނާއި ހަރަދަށް ޒިންމާވާ ގާނޫނާއި މާލިއްޔަތު ގަވާއިދާއި އަދި އުސޫލުން ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށެވެ. އެ ނޫން ގޮތަކަށް މިނިސްޓަރު އަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރަށް ނޯޓިސް ފޮނުވާފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި ފިނޭންސުން ވަނީ ޝިޔާމްގެ ކުންފުނިން ލޯނު ދައްކާފައިވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައެވެ.
ފިނޭސުން ބުނީ އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެޗްއެސް) ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި އަންގާފައިވާ ކަމަށެވެ.
ނަމަވެސް، މިދިއަ މަހުގެ 21 ވަނަ ދުވަހު ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާ ފައި ނުވާތީ، ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، މިފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދި އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.