ރިޕޯޓް

''އެލިޒަބަތު'' ގެ ސުކުން, އުބުފިއްޔަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު. އަވަހާރަވީ އިއްޔެގެ ވަގުތެއްގައި.

''މި ގޮތަށް އެއްޗެއްގައި އެންމެ ފުރަތަމަ ލާޖަހާ ތައްޔާރުކުރީ ޕްރިންސަސް އެލިޒަބަތް (މިހާރުގެ ކްއީން އެލިޒަބަތް 2) ގެ ކައިވެނިފުޅަށް ދިވެހި ދަޥްލަތުން ތައްޔާރުކުރި ވެދުން ފޮށިކޮޅެކެވެ.'' ފަތްތޫރައިގެ 27 ވަނަ އަދަދުގައި އަޙްމަދު ޝަފީޤު ލިޔުއްވާފައިވެއެވެ.

Ads by Sosun Fihaara

ކުރީގެ ބައެއް ލިޔުންތަކުގައިވާ ފަދައިން މަރުހޫމު އަޙްމަދު ޝަފީޤުގެ ލިޔުއްވުމުގައި ވެސް އެ އޮތީ ''އެލިޒަބަތް'' އެވެ. އަޙްމަދު ޝަފީޤުގެ ލިޔުއްވުމުގެ ޖުމްލައެއް މި ލިޔުމުގައި ހިމަނައިލީ މިސާލެއްގެ ގޮތުންނެވެ.

''އެލިޒަބަތް'' މިހެން ކިޔުމުން ނުވަތަ ލިޔުމުން ''ބަތް'', މި ގޮތަށް ކިޔޭތީ, ދިވެހި ބަސް ލިޔެކިޔުމުގައި ބޭނުންކުރެވޭ ތާ ސުކުނާ ޚިލާފަށް ލިޔަންޖެހޭ ތާގެ އަޑުއިވޭ, ތާ ސުކުން ލިޔުމަށް ބޭނުންކުރާނެ އަކުރެއްގެ މައްސަލައާމެދު އޭރު ބަހުސް ކުރެވުނެވެ. އަދި ކުރީގެ ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަރުކަޒަށް ލަފާދޭ މަޖިލީހުން އެކަމަށް ގޮތެއް ނިންމެވިއެވެ.

ހެލްތ, ކޮމަންވެލްތ, އެލިޒަބަތ މިފަދައިން ހުސްތާއެއް ލިޔުމަށް އޭރު ބަހުސް ކުރެވުނު ނަމަވެސް, 01 އޭޕްރީލް 1984 ގައި އެ މަޖިލީހުން ނިންމެވީ އެފަދަ ލަފުޒުތަކުގެ ފަހަތުގައި އޮންނަ ތާގައި އުބުފިލި (ތު) ޖަހާށެވެ.

ޒަމާން ބަދަލުވަމުން މިއަދާ ހަމައަށް އައިއިރު ގިނަ ލިޔުންތެެރިން ލިޔުއްވަނީ އިސްވެ މި ދެންނެވި ގޮތަށް ތާގައި އުބުފިލި ޖައްސަވައިގެންނެވެ. ނަމަވެސް ''އެލިޒަބަތް'', ކޮމަންވެލްތް'', ''ހެލްތް'' މިފަދައިން މިހާރު ވެސް ލިޔުއްވާފައި ހުންނަ ތަން ފެނެއެވެ. ރަސްމީ ލިޔުންތަކުގައި ވެސް އިނގޭތޯއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޚަބަރެއް.

އާދެ, ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހިމް ވިދާޅުވި ފަދައިން ''އެލިޒަބަތް'', މި ނަން މި ގޮތަށް ލިޔުމުން  ކިޔޭނީ ބަތް, ފަތް, ދަތް މި ގޮތަށެވެ. އެހެންކަމުން ''އާތް ޑޭ'' އޭ ލިޔުއްވުމުގެ ބަދަލުގައި, ''އާތު ޑޭ'' ލިޔުއްވުން ކީއްތޯއެވެ.

މީގެ 35 ވަރަކަށް އަހަރުކުރިން ދިވެހި ބަހުގެ އުސްތާޒު އަލްމަރުހޫމް މުޙައްމަދު ޖަމީލު ވިދާޅުވި ފަދައިން, ދިވެހި ބަހަކީ ވެސް, އެހެނިހެން ބަސްބަހެކޭ އެއްފަދައިން ޒަމާނުގެ އޮއިވަރުގައި ޖެހި ތަފާތު ގޮތްތައް މެދުވެރިވަމުންދިޔަ, އަދި މިހާރު ވެސް ދާ, އަދި ފަހުން ވެސް ދާނެ އެއްޗެކެވެ. އެއްވަރެއްގައި އެއްސިފައެއްގައި ނޯންނާނެ އެއްޗެކެވެ. ނަމަވެސް ބަހަށް އަންނަ ބަދަލުތަކާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި ތިބެންޖެހޭނެއެވެ. އެހެންނޫނީ ތިން ރިޔަލާއި ފެހުރުނަގައި ގާދޫކޮލުން ނިކުމެ ގޯވަޔަށް ގޮސް ލަސްތަކެއްނުވެ ގެއްލިދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!