ބިރާއި ސިހުން، ސިހުރާއި ޖާދޫ، އަސަރުހުރި އިބުރަތްތެރި ވާހަކަ "ޕަރީފެންގަނޑު"؛ މަމްދޫހު ދިވެހިބަހަށް ދޭ ފުރިހަމަ ހަދިޔާ އަންނަނީ
ލާމު އަތޮޅު ގަމުގައި އޮންނަ "ޕަރީފެންގަނޑު"ގެ އެއްވެސް ހަގީގަތެއް ނޭނގުނު ނަމަވެސް، މަމްދޫހު އިބްރާހީމްގެ ގަލަމުން ނުހަނު ފުރިހަމައަށް ސިފަކޮށް، ޕަރީންނާއި އެ ފެންގަނޑާ ހުންނަގުޅުމާ ބެހޭގޮތުން މީހުން ދައްކާ 'ޔޯލަ' ވާހަކަތަކަށް މުޅިން އާހިޔާލީ ވާހަކައެއް މި ވަނީ ގެނެސްދީފައެވެ. އާންމުކޮށް ބާޒާރަށް ނުކުންނަ ވާހަކަތަކާ ހުރިހާ ގޮތަކުން ވެސް ތަފާތު މި ވާހަކަ ފޮތަކީ މަމްދޫހު އެތައްއެތައް ބުރަ މަސައްކަތަކާއި ހިތްވަރާއެކު، ފުރިހަމަކޮށްފައިވާ އޭނާގެ ބޮޑު އުންމީދެކެވެ. ފޮތުގެ ބޭރުކަވަރާއި ވާހަކައިގެ ނަމާއި އަދި އެ ފޮތް ތައްޔާރުކޮށްފައިވާ ކަރުދާހާއި ފޮތާއެކު ހަދިޔާއަކަށް ދެވޭ ލީފްލެޓްފަދަ ތަކެތި ތައްޔާރުކޮށްފައިވާ ގޮތަށް ހަމަ ސާބަސްދޭ ވަރަށް ފުރިހަމަވެފައި ރީއްޗެވެ. ފޮތަކީ ކިތަންމެ ބޯ ފޮތެހެން ހީވިޔަސް މިއީ ހަމައެންމެ 120 ވަރަކަށް ސޮފްހާގެ މޮނީޓަރު ފޮތެއްގެ ބަރުދަނެވެ.
"މިއީ ވަރަށްބޮޑު ބުރަ މަސައްކަތެއް. މިހިސާބަށް އާދެނީ ވަރަށް ހިތްވަރުން. ހިތަށްވެސް ނާރާ ވަރުގެ ގިނަ ހުރަސްތައް ދިމާވި. ދެރަވާ، ހިތްދަތިވާކަހަލަ ކަންތައްވެސް. އެކަމަކުވެސް މިހާރު އިރާދަކުރެއްވީތީ ހުރިހާ ކަމެއްހެން ނިމިއްޖެ. އަސްލު ރޭވުމަށް ކުޑަކުޑަ ބަދަލެއް ގެންނަން ޖެހުނީ. މިމަހުގެ ފަހުކޮޅުގައި ރަސްމިއްޔާތު ބާއްވަން ނިންމީ، އެކަމަކު މޫސުން ތަންނުދޭތީ އައުޓްޑޯއިން އިންޑޯއަށް ބަދަލުކުރަން ޖެހުނީ. ޔަގީނުންވެސް ނޮވެމްބަރުން ފެށިގެން ފޮތަށް އޯޑަރު ކުރާ ފަރާތްތަކަށް ފޮތް ގެންގޮސްދެވޭނެ."
މަމްދޫހު ބުނިގޮތުގައި ފޮތުގެ އަގާއި ލިބޭނެ ގޮތްތަކާއި އެހެނިހެން މައުލޫމާތު މިއޮކްޓޯބަރު މަހުގެ ފަހުކޮޅު ފޮތް ލޯންޗުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އިއުލާންކުރުމަށް ހުރިހާ ކަމެއް އޮތީ ހަމަޖެހި ނިމިފައެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އުޑު ހާމަކޮށް އޮތް، ހުޅުވިފައި އޮތް ތަނެއްގައި މިރަސްމިއްޔާތު ނުބޭއްވޭނެތީވެ ޖެހުނީ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާއަށް މިކަން ބަދަލު ކުރާށެވެ. އެކަމަށް މަމްދޫހު އޭނާގެ ވާހަކަފޮތުގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް މައާފަށް އެދުނެވެ.
ހަޔާތުގައި ފުރަތަމަ ފަހަރަށް ވާހަކައެއްލިޔެ ފޮތެއްގެ ގޮތުގައި ނެރުމަށް މަމްދޫހް ކޮށްފައިވާ މަސައްކަތް އާދަޔާހިލާފަށް ތަފާތުވެފައި ހިތްގައިމެވެ. ލޯބިވާ މަންމައާއި މަރުހޫމު ބައްޕައަށް ހާއްސަކޮށްގެން ލިޔެ ތައްޔާރުކޮށްފައިވާ މި ވާހަކަ ފޮތަކީ މަމްދޫހުގެ ހިޔާލާއި ވިސްނުމަށް އައި މުޅީން ދިވެހިވަންތަ ފިކުރެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ލާމުއަތޮޅު ގަމުގައި އޮންނަ "ޕަރީފެންގަނޑު" ލޮލުން ދުށުމުގެ ނަސީބު އަދި ލިބިފައި ނުވިނަމަވެސް މަމްދޫހުގެ މި ވާހަކައިގެ މައިގަނޑު ބިނާވެފައިވަނީ އެ ފެންގަނޑަށެވެ. ޒަމާންތަކެއް ކުރިން ކޮންމެވެސް ދުވަސްވަރެއްގައި ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އޮތް ޕަރިސްތާނުގެ ރަސްގެފާނު، ރާނީކަމަނާއަކަށް އެހީވެދެނީ ޖިންނީންގެ އެންމެ މައި ޖިންނީގެ ފަރާތުންނެވެ. ރާނީ ސާހިބު ކަމަނާގެ އެ ޖާދޫގެ ސިއްރުތަކާއި ނުހަނު ފުރިހަމަ ހަޒާނާ ވަންހަނާވެފައިވާ ފެންގަނޑުގެ ހަގީގަތް، ޒަމާން ބަދަލުވެ ރާއްޖެވެސް އާބާދުވެ، ގަމުގެ ޕަރީންގެ ފެންގަނޑު އިންސާނުންގެ ހިތްތަކުގައި ދުނިޔޭގެ އެދުން ބޮޑުކުރި ބޮޑު ސަބަބަކަށްވެ، ސިހުރާއި މީހުންގެ ފުރާނައަށް ނުރައްކާކޮށް، އަމިއްލައެދުމާއި ދުނިޔޭގެ ޒީނަތާއި ޝަހުވަތުގެ ނުބައިވެގެންވާ ފާފަތަކަށް އަރައިގަތުމުގެ ހިތިނަތީޖާ، މިހެންގޮސް އެތައް ބައިވަރު އަސަރުން ފުރިފައިވާ އަދި ބިރާއި ސިހުމާއި ސިއްރު، ސިހުރާއި ހާހޫރަ، ޖާދޫގެ އެކިކަންތައްތަކާއި އިބުރަތްތެރި މެސެޖުތަކެއް ގެނެސްދޭ މިވާހަކައިގެ މިއަށްވުރެ ބޮޑު ހާއްސަކަމެއް ވެއެވެ.
"މީހުން ވާހަކަ ލިޔެ ބާޒާރަށްވެސް ނެރޭތަން ދެކެން. އެކަމަކު މަމްދޫހުގެ މިވާހަކަފަދަ އެއްވެސް ފޮތެއް ނުދެކެން. މިއީ މީހަކަށް ހަދިޔާއަކަށް ހަނދަނަކަށް ރައްކާކުރެވޭފަދަ ފޮތެއް. މީގެ ހިމެނޭ ކުރެހުންތަކާއި މީގެ ބަހުރުވަ އަދި މިއަށް ހާއްސަކޮށްފައިވާ ރައިވަރު މިއީ ހައްތާވެސް ތަފާތުކަންތައް. ދެން ދިވެހިބަހުގެ ވާހަކަ ފޮތެއް، ކޮންމެ އުމުރަކަށްވެސް ކިޔާލެވޭފަދަ، ދިވެހިބަހުގެ ގަވާއިދުތަކާއި ހަމަތަކަށް ބަހުރުވަ މާތްގޮތާއި އާދައިގެ ގޮތް ވަރަށް ފުރިހަމައަށް ގެނެސްދީފަ ވާތީ." މަމްދޫހުގެ ވާހަކަފޮތާބެހޭ ކަންތައް ބަލަހައްޓާ ފަރާތުން މައުލޫމާތު ދެމުން ބުންޏެވެ.
އެތައްއެތައް ހާސް އަހަރުތައް ކުރިން ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އުޅުނު ޕަރިސްތާނުގެ ރާނީކަމަނާއަކާއި ޖިންނިންގެ ބޮޑު މައި ޖިންނިއަކާ ދެމެދު ހިނގާ ކަންތައްތަކެއްގެ ސަބަބުން، ދިގުލައިގެންދާ ހަނގުރާމައިގެ ތެރެއިން ރާއްޖޭގެ ރަށްތަކުގައި މީހުން އުޅެން ފެށުމުގެ ކުރިއްސުރެ ޕަރިސްތާނާއި ލާމު އަތޮޅާއި އުފެދޭ ގުޅުންތަކުގެ މައްޗަށް އަދި ޕަރިސްތާނުގެ ޕަރީޒާދާއާއި އިންސާނުންނާއި އުފެދޭ ގުޅުންތައް، އަމިއްލައެދުމާއި ދުނިޔޭގެ ރީއްޗާއި އުފަލާއި އަރާމާއި ޒީނަތްތެރިކަމުގެ ދަހިވެތިކަމުގައި އިންސާނުން ސިހުރާއި ހާހޫރައިން އެހީހޯދުމުން ނުކުންނަ ނަތީޖާތައް، މިފަދަ ސިހުރާއި ޖާދޫގެ އެތައް ތަފާތު ކަންތައްތަކުގެ މައްޗަށް ލިޔެފައިވާ ވާހަކަ "ޕަރީފެންގަނޑު" މިއީ ހަގީގަތުގައިވެސް ހަމަ ވަރަށް ތަފާތު މޮޅުވާހަކައެކެވެ.
މިވާހަކައިގެ ބޭރު ބަނޑޭރިގަނޑާއި ފޮތުގެ ނަން ހަދާފައިވާ ފޮންޓާއި ނަމުގެ ކުލަކަމަށްފެންނަ ރަންކުލަ ގޯލްޑްލީފުން ފަރުމާކުރުންފަދަ އެތައް ކަމެއް މިފޮތުގައި ތަފާތެވެ. ވާހަކަ ފޮތުގެ ބޭރު ކަވަރަކަށް ފޮތުގެ ބޭރުގަނޑުގައި އެވާ ކުރެހުމާއި ލިޔުން ހަމަ އެގޮތަށް ނަކަލު ކުރެވިފައިވާއިރު ފޮތާއެކު ހާއްސަ ހަދިޔާތަކެއް ވެސް ލިބޭނެއެވެ. ވާހަކަފޮތުގެ ބޭރުގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ލީފްލެޓަކާއި ވާހަކަ ކިޔާއިރު ކިޔަމުންދާ ސޮފްހާ ފާހަގަ ކުރުމަށް 'ބުކްމާކް'، އަދި މަމްދޫހުގެ އޮޓޯގްރާފާއި އޭނާގެ ހާއްސަ ލޯގޯ ލިބޭނެއެވެ. ބުކްމާކް ފަރުމާކުރެވިފައި ވަނީ ވާހަކައިގައި ޕަރީޒާދާގެ ޖާދޫގެ ދަނޑިކޮޅެވެ. މިފަދަ ތަފާތު ގޮތަކަށް، މިވަރުގެ ހޭދައަކާއި މަސައްކަތެއްކޮށްގެން އެއްވެސް ދިވެހިވާހަކައެއް ނެރެވިފައެއްނުވެއެވެ. އަދި މަމްދޫހު އޭނާގެ ޕޭޖުގައި ސޯޝަލްމީޑިޔާގައި ހިއްސާކޮށްފައިވާ ޓްރެއިލާތަކާއި ވާހަކައިގެ ކުރެހުންތަކަށް ހަދާފައިވާ ވީޑިޔޯތަކުން ވެސް މަމްދޫހުގެ މަސައްކަތްތައް ފެނިގެންދެއެވެ.
"މީހުން ވާހަކަ ލިޔެ ބާޒާރަށް ވެސް ނެރޭތަން ދެކެން. އެކަމަކު މަމްދޫހުގެ މި ވާހަކަފަދަ އެއްވެސް ފޮތެއް ނުދެކެން. މިއީ މީހަކަށް ހަދިޔާއަކަށް ހަނދަނަކަށް ރައްކާކުރެވޭފަދަ ފޮތެއް. މީގެ ހިމެނޭ ކުރެހުންތަކާއި މީގެ ބަހުރުވަ އަދި މިއަށް ހާއްސަކޮށްފައިވާ ރައިވަރު މިއީ ހައްތާވެސް ތަފާތުކަންތައް. އެންމެ ހާއްސަ އެއްކަމަކީ ފޮތުގެ ބޯމިނާ އަޅާބަލާއިރު ފޮތް ހީވާނީ 120ވަރަކަށް ސޮފްހާގެ މޮނީޓަރ ފޮތެއްހެން. ދެން ދިވެހިބަހުގެ ވާހަކަ ފޮތެއް، ކޮންމެ އުމުރަކަށްވެސް ކިޔާލެވޭފަދަ، ދިވެހިބަހުގެ ގަވާއިދުތަކާއި ހަމަތަކަށް ބަހުރުވަ މާތްގޮތާއި އާދައިގެ ގޮތް ވަރަށް ފުރިހަމައަށް ގެނެސްދީފަ ވާތީ." އެފަރާތުން މައުލޫމާތު ދެމުން ބުންޏެވެ.
ކޮންމެއަކަސް މަމްދޫހުގެ މިބުރަ މަސައްކަތާއި ފުރިހަމަ ދިވެހިވަންތަ ވާހަކަ ފޮތުގެ ހުރިހާކަމެއްނިމި، މިފޮތުގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް މިފޮތް ކުރިއަށް މިއޮތް ނޮވެމްބަރުމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގެނެސްދެވޭނެއެވެ.
ވާހަކަ ކިޔާހިތްވާ ވާހަކައަށްޝައުގުވެރިވާ ފަރާތްތަކުން މިހާރުވެސް މަމްދޫހަށް މެސެޖްކޮށް އޯޑަރު ދެމުން ދާށެވެ. މިއީ ވަރަށް މަދު އަދަދަކަށް ޗާޕްކޮށްފައިވާ ފޮތްތަކެއްކަމުން އަވަހަށް އޯޑަރުދިނުން މުހިންމެވެ.
ލާމު އަތޮޅު ގަމުގައި އޮންނަ "ޕަރީފެންގަނޑާއި" މަމްދޫހުގެ ހިޔާލީ ވާހަކަ "ޕަރީފެންގަނޑާ" އެއްވެސް ގުޅުމެއް ނެތޭ ބުނާކަށް ނުކެރޭނެއެވެ. އެކަން ނިންމަވާނީ ވާހަކަ ވިދާޅުވާ ފަރާތްތަކުންނެވެ. ޔަގީނުން ވެސް ދިވެހި ފޯކްލޯއަށް މި އޮތީ (ފިކްޝަން) ހިޔާލީ ފޮލާއެއް އިތުރުވެފައެވެ. އެކަމަކާމެދު އެއްވެސް ޝައްކެއްނެތް ވަރަށް ޔަގީނެވެ.