ޚަބަރު

ވައިރަހާ ގުޅިގެން ކްރޫޒްލައިނާތައް ރާއްޖެ އައުން މެދުކަނޑާލަން ނިންމައިފި

ކޮރޯނާ ވައިރަހުގެ ސަބަބުން ކްރޫޒްލައިނާތައް ރާއްޖެ އައުން މެދުކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

މިކަން ސަރުކާރުން ހާމަކުރައްވައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކްރޫޒްލައިނާތައް މިވަގުތަށް ރާއްޖެ އައުން މެދުކަނޑާލަން ނިންމަވާފައިވާ ކަމަށެވެ.

"އެހެންވީމަ، މިހާރުން ފެށިގެން ރާއްޖެ އަށް ކްރޫޒްލައިނާތައް އައުމުގެ ހުއްދަ ދެން ދެވޭނީ، މި ހާލަތަށް އަންނަ ބަދަލަކަށްފަހު އެކަން ރިވިއު ކުރުމަށްފަހު" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކްރޫޒްލައިނާތަކަށް މީހުން އަރަނީ އެކިއެކި ބަނދަރުތަކުން ކަމަށާއި ކްރޫޒްލައިނާއަކުން މި ބަލީގެ ކޭސްއެއް ފެނިއްޖެ ހިނދެއްގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔުމުގެ ފުުރުސަތު އޮތްކަން އެންމެފަހުން ޖަޕާނުގެ ޔޮކޮހާމާ ސިޓިގައި ބަނދަރުކޮށްފައިވާ ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" ގެ ތަޖުރިބާއިން ހާމަވާ ކަމަށެވެ.

އެހެންކަމުން އެފަދަ ރިސްކެއް ނުނަގަންވެގެން ސަލާމަތީ ކަމެއްގެ ގޮތުގައި މި ފިޔަވަޅު އެޅީ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެއިތުރުން ކޮރޯނާ ވައިރަސް މިހާރު ފެތުރިފައިވާ އިރާނާއި އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދު ކަމަށްވާ ޑޭގޫ އަދި ޖެއޯންގޮކް އިން ރާއްޖެ އަށް މީހުން އައުން މިވަގުތަށް މެދުކަނޑާލަން ވެސް ނިންމާފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!