އިތުރު އޯޑިއޯއެއް: ނަހުލާ ވިދާޅުވަނީ ގާސިމް އެކަމަނާއަށް އިތުބާރު ކުރައްވާ ކަމަށް
ފިރިކަލުން ގާސިމް އިބްރާހިމް އެކަމަނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވާ އޯޑިއޯއެއް "ލީކްސް އެމްވީ" އިން ވަނީ ލީކުކޮށްލާފަ އެވެ. އެއީ ކުރިން ލީކްވެފައިވާ އޯޑިއޯތަކާއި ގުޅޭގޮތުން ނަހުލާ އާއި މިނިސްޓަރު އަލީ ވަހީދު ވާހަކަފުޅު ދައްކަވާ އޯޑިއޯއެކެވެ.
އެގޮތުން މިރޭ ލީކުކޮށްލާފައިވާ އޯޑިއޯގައި އަލީ ވަހީދު ވަނީ އެ އޯޑިއޯގެ ކަންކަމާ ގުޅިގެން ނަހުލާ އޭނާއަށް ގުޅުއްވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
"އަލީ ވަހީދު އިންވޯލްވާ ކަމެއްގައި އަލީ ވަހީދަކަށް ގުޅާފައި ދެއްތޯ އަޅުގަނޑު ދަންނަވާނީ އެވާހަކަ" ނަހުލާ ވިދާޅުވިއެވެ.
ލީކު ކުރަމުންދާ އޯޑިއޯތަކާ ގުޅިގެން ފިރިކަލުން ގާސިމް އިބްރާހިމް ގުޅުއްވި ކަމަށް އާ އޯޑިއޯގައި ނަހުލާ ވިދާޅުވެއެވެ. ނަމަވެސް އޭރު އިންނެވީ ވަރަށް ބުރަކޮށް ކަމަށްވާތީ ގާސިމްގެ އެ ފޯން ކޯލް ނުނަންގަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ނަހުލާ ވަނީ ފިރިކަލުން ގާސިމްގެ ފުރިހަމަ އިތުބާރު އެކަމަނާއަށް އޮންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މީހަކު ދައްކާހާ ވާހަކައެއް ގާސިމް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.
މި އޯޑިއޯގައި އަލީ ވަހީދު ވަނީ އޭނާ އަކީ މީހުންނަށް ގުޅައިގެން ރެކޯޑު ކުރާނެ މީހެއް ނޫން ކަމަށް ބުނެ ނަހުލާ އަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އަލީ އެގޮތަށް ވިދާޅުވުމުން ނަހުލާ ވަނީ އެގޮތަށް ވިދާޅުނުވުމަށާއި އޭނާ ރެކޯޑު ކުރާނެ އެއްޗެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން މި އޯޑިއޯގައި އަލީ ވަހީދު ވަނީ އޭނާ އަކީ ނަހުލާއަށް ގުޅާ ހަދާ މީހެއް ނޫން ކަމަށާއި އަދި ރަހުމަތްތެރިކަމުގެ ގުޅުމެއް ވެސް ބާއްވާ މީހެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި އޭނާ ނުކުރާ ކަންކަން އޭނާގެ ބޮލުގައި އަޅުވަން ނޫޅުވުމަށާއި އޭނާ އަކީ މީހުންނާ ޖައްސާލައިގެން އުޅޭ މީހެއް ނޫން ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އޭގެ ޖަވާބުގައި ނަހުލާ ވަނީ މި ކޯލުވެސް ބަޔަކު ރެކޯޑު ނުކުރާނެކަން އޭނާ އަށް ނޭނގޭ ކަމަށާއި ނަމަވެސް އިނގޭ އެއްޗަކީ ލީކުވި އޯޑިއޯއާ ގުޅިގެން އޭނާ ވާހަކަދައްކަންޖެހޭކަން ކަމަށެވެ. އަދި ބުނަން ބޭނުންވާ އިތުރު ވާހަކަތަކެއް ވެސް އެބަހުރި ކަމަށް ނަހުލާ ވިދާޅުވި ނަމަވެސް ރެކޯޑު ކުރާނެކަން ނުކުރާނެކަން ޔަގީން ނުވާތީ ފޯނުން އެ ވާހަކަތަށް ދައްކަން އޭނާ ދެކޮޅު ހަދާކަން އޯޑިއޯ އިން އެނގެއެވެ.