ޚަބަރު

ވައިރަހާ ގުޅިގެން އުމްރާއަށް މީހުން އައުން ސައޫދީން މަނާކޮށްފި

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން އުމްރާގެ އަޅުކަން އަދާކުރުމަށް އެހެން ގައުމުތަކުން މީހުން ސައޫދީ އަރަބިއްޔާ އަށް އައުން ވަގުތީ ގޮތުން އެގައުމުން މަނާކޮށްފިއެވެ.

ސައޫދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސައޫދީގެ ރައްޔިތުންނާއި، އުމުރާގެ އަޅުކަމަށް މައްކާއަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އުމްރާ އަށް މީހުން އައުން މަނާކުރަން ނިންމީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

މީގެއިތުރުން ސައުދީން ވަނީ މި ބަލި މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ މީހުން އެގައުމަށް އެތެރެވުން ވެސް މަނާކުރަން ނިންމާފައެވެ.

މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު ސައުދީގެ އަވަށްޓެރި ގައުމުތަކުން މި ބަލި ޖެހިފައިވާ މީހުން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މި ބަލި ޖެހިފައިވާ މީހުން އީރާނުން ވެސް ފެނިފައިވާއިރު އެ ބަލީގައި މިހާތަނަށް އެގައުމުން ވަނީ 19 މީހަކު މަރުވެފައެވެ.

މީގެއިތުރުން ކުވެއިތާއި، ބަހްރެއިން އާއި އޮމާން އާއި ލުބްނާން އާއި އިރާގު އަދި ޔޫއޭއީއިން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު މި ބަލީގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން މަރުވެ 80،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!