ޚަބަރު

ވޫހާންގައި ބާކީ ތިބި ދެ ދިވެހިން އިންޑިއާއަށް ގެންގޮސް ކަރަންޓީނުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ފެތުރިން ފެށި ޗައިނާގެ ވޫހާން ސިޓީގައި ބާކީ ތިބި ދެ ދިވެހިން އެ ސިޓީން ނެރެ، އިންޑިއާގައި ކަރަންޓީނުކޮށްފި އެވެ.

Ads by Sosun Fihaara

ވައިރަސް ފެތުރިގެން އައި އިރު، ވޫހާނުގައި ޖުމްލަ ނުވަ ދިވެއްސަކު ތިބި ނަމަވެސް އެމީހުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވީ ހަތް ދިވެެއްސެކެވެ. އެގޮތުން އޭރު އެ ހަތް ދިވެހިން ވެސް ވަނީ ވޫހާންއިން ނެރެ، އިންޑިއާގައި 14 ދުވަސްވަންދެން ކަރަންޓީނުކޮށްފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވުހާނުގައި ބާކީ ތިބި ދެ ދިވެހިން ވެސް އެ ސިޓީއަށް ދިޔަ އިންޑިއާގެ އެއާފޯސް (އައިއޭއެފް)ގެ ފްލައިޓެއްގައި މިހާރު އިންޑިއާގެ ނިއުދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފައިވާ ކަމަށެވެ.

އެ ދެމީހުންނަށް ވެސް އަނބުރާ ރާއްޖެ އާދެވެނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރުމަށްފަހުއެވެ.

މީގެކުރިން އިންޑިއާގައި ކަރަންޓީނުކުރި ހަތް ދިވެހިން ވެސް ވަނީ އެ ބައްޔަށް ނެގެޓިވް ވެފައެވެ. އެ މީހުން އެނބުރި ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!