ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށަން ނިންމައިފި
ކޮވިޑާ ގުޅިގެން މީގެ ދެ އަހަރު ކުރިން މެދުކަނޑައިލި, ރާއްޖެއާއި ޗައިނާއާ ދެމެދުގެ ސީދާ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޗައިނާގެ ސަފީރު ވާންގް ލިޖިން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތްތައް އެބަ ކުރެވޭ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ އަންނަ އޮކްޓޫބަރުމަހު ދަތުރުތައް އަލުން ފެށޭނެ ކަމަށެވެ.
ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލުކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނާތީ އެ ޤައުމުން ފަތުރުވެރިން އަލުން ރާއްޖެ އަންނަން ފަށާނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި ދެ ޤައުމުގެ ދެމެދު ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވެސް ފާހަގަ ކުރައްވައިފައެވެ. ރާއްޖެއާ ޗައިނާގެ ގުޅުން އެންމެ ރަނގަޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައިކަން ފާހަގަކޮށްލެވެއެވެ.