އަލްހާން، ޖޭޕީން ވަކިވެއްޖެ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފި އެވެ.
ޖޭޕީ އަށް އަލްހާން އިއްޔެ ފޮނުވި ސިޓީއެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާން ނިންމާފައިވަނީ އަމިއްލަ ގޮތުން ކަމަށާއި ނަމަވެސް ޖޭޕީގެ މެމްބަރަކަށް ވާތީ އޭނާގެ ސިޔާސީ ވިސްނުމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ.
އަދި މިވަގުތު ވަކި ޕާޓީއެއްގައި ހުރުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާމެދު ސުވާލު އުފެދޭނެ ކަމަކަށްވާތީ ޖޭޕީގެ މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ނިންމީ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދައިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި އަލްހާން ޖޭޕީއާ ދެވަނަ ފަހަރަށް ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ޖޭޕީއަށް އައުމުގެ ކުރިން އަލްހާން ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު މާގިނަ ދުވަހެއް ނުވެ އަލްހާން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެންފައެވެ.
އަލްހާން ވަނީ ޖޭޕީގެ ޓިކެޓުގައި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް އަލްހާން ބަލިކުރުމަށްފަހު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އިބްރާހިމް މުއިއްޒު އެވެ.