ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ދުލެއްނުކުރޭ, އަދިވެސް ތިބީ ބަންދުގައި: ފުލުހުން
ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރު, ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގާފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ބޭނުންކޮށްގެން އެ މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން އަދިވެސް ތިބީ ބަންދުގައިކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާކަމަށް ބުނެ މީޑިއާގައި ރިޕޯޓުކުރުމުން ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފައެވެ.
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް, އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި, ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް, އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް އޭގެތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލިކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ.ދަރަވަންދޫ/އަކިރި, ޙަމްދޫން ޢަބްދުﷲ (37އ) އާއި,
ބ.ދަރަވަންދޫ/ހީމަ, މުޙައްމަދު މިހާދު މުޞްޠަފާ (24އ) އާއި,
ށ.ފުނަދޫ/ސީސްޓަރ, މައުމޫން މޫސާ (41އ) އެވެ.
މިހާދާއި ޙަމްދޫން ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޙަމްދޫންގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަސް އަދި މިހާދުގެ ބަންދަށް ޖެހީ 7 ދުވަހެވެ.
މައުމޫން ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދިނީ 10 ދުވަހެވެ.
ފުލުހުން މިއަދު ބުނީ މިހާދު އިތުރަށް 7 ދުވަހަށް ބަންދުގައި ބަހައްޓަން އިއްޔެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ.