މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ ސަރުކާރުގެ އަމާޒެއް
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޓޫރިޒަމްގެ ރަން އަހަރާއި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރައިލުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ. އަދި ފަތުރުވެރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ކަމަށާއި ގޮންޖެހުންތައް ގިނަނަމަވެސް، މި ސިނާއަތް ކުރިއެރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން. ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުޞަތުތަކެއް އޮންނާނީ ހުޅުވިފައި” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެވެމުންދާ ކަމަށާއި އައްޑޫ ގަން އެއާޕޯޓްގެ ފެންވަރު ވެސް މަތި ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުވަދުއަތޮޅަށް ވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާގިނަ އަދަދެއްގެ ފަރާތްތަކަކުން ބައިވެރިވިއެވެ.