ޚަބަރު ޝަރުޢީ ދާއިރާ

ސާލިމް މަރަން ކުރި ޙުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަހުމޫދު މަރައިލި ޝާ އަލޮމް މިއާ (ސާލިމް)

އދ.ދަނގެތީގައި އަނިޔާވެރި ގޮތަކަށް މީހަކު މަރައިލި މައްސަލައިގައި ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ޙުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފިއެވެ.

Ads by STELCO

އދ.ދަނގެތި/މޮނަލާޒް، މަޙްމޫދު އަބޫބަކުުރު (57އ) މަރައިލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާ ފެނުނީ މަރައިލުމަށްފަހު އެ ރަށު ފަޅު ގެއެއްގެ ވަޅެއްގެތެރެއަށް ވައްޓާލައިފައި އޮއްވައެވެ.

ސާލިމްއަކީ އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ މީހެކެވެ. މަހްމޫދު މަރުގެ މައްސަލައިގައި ދަޢުވާ އުފުލީ ސާލިމްގެ މައްޗަށެވެ. މަޙްމޫދު މަރައިލިކަމަށް އިއުތިރާފުވުމުން ސާލިމް މަރަން ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިދިޔަ ފެބްރުއަރީގައެވެ.

އެ ޙުކުމް އިސްތިއުނާފުކުރަން ސާލިމްގެ ފަރާތުން ހުށަހަޅާފައިނުވާތީ އެ ޙުކުމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ. ނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމީ މުއްދަތު ހަމަވި ފަހުން ހުށަހެޅުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ބަލައިގަނެ އޮގަސްޓު 19 ގައި މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!