ޚަބަރު ޝަރުޢީ ދާއިރާ

ފުލުހަކަށް އިންޒާރުދިނުން: މި ފަހަރު ކޯޓުން އަޛުހާން ދުލެއް ނުކުރި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފިއެވެ.

Ads by MWSC

އިއްޔެ ހެނދުނު ހައްޔަރުކުރީ މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) ކިޔާ މީހެކެވެ.

އަޛުހާން ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި އޭރު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލީ, އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އިޖުރާޢަތްތަކާ ޚިލާފަށްކަމަށް ބުނެއެވެ.

އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 10 ދުވަސް ދީފައެވެ. ކޯޓުން އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ހެކިންގެ ބަޔާނާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މީގެ އިތުރުން މި މައްސަލާގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހައްޔަރުކުރުމުގެ އަމުރާއި ހައްޔަރާ ގުޅުން ހުރި ލިޔުންތަކަށް ބަލާއިރު އަޛުހާން ހައްޔަރުކުރީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަމަށް ކޯޓު އަމުރުގައިވެއެވެ.

ފުލުހުން އިއްޔެ ކޯޓުގައި ވަނީ އަޛުހާން އިންޒާރުދީފައިވަނީ ޤައުމުގެ މަސްލަހަތު ބަލަހައްޓަން ތިބި ސަލާމަތީ ބާރުތަކުގައި ހިމެނޭ މީހަކަށް ކަމަށްވާތީ, މިކަމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!