ނަޝީދުގެ ފާޑުވިދާޅުވުން: އިމްރާންގެ ޖަވާބު ވީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައަށް
ހދ.ނޭކުރެންދޫގައި ހަދަން ސަރުކާރުން ވަޢުދުވެފައިވާ ޖަލުގެ މަސައްކަތް މި ދައުރުގައި ނުނިމޭނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބާ ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނޭކުރެންދޫ ޖަލުގެ މަސައްކަތްތަކާބެހޭ ގޮތުން މިނިސްޓަރު އިމްރާނާ ސުވާލުކުރެއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީއެވެ.
އެ ގޮތުން ރާއީ ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވެފައިވަނީ ޖަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމައިލުމަށް އުންމީދުކޮށް އެ ޓާގެޓު ހާސިލުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް މިހާރު ލިބިފައިވާ ފައިސާއިން 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ލަފާކުރެވެނީ ޖަލުގެ ވަށާ ފާރާއި, ޖަލުގެ ކޮންސެޕްޓާއި ތަފްސީލްކޮށް ކުރެހުމުގެ މަސައްކަތް ކަމަށެވެ.
އިމްރާން ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ.
އިމްރާން ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު އިއްވަވައި ނިންމެވުމުން ނަޝީދު ވަނީ އިމްރާންގެ ޖަވާބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ ލިޔުމުން ޖަވާބު ހޯއްދެވުމަށް މެންބަރު ރާއީ ހޯމް މިނިސްޓަރަށް ފޮނުއްވީ ވަރަަށް ސާފު ސާދާ ކުރު ސުވާލެއް ކަމަށެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ވީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައަށް ކަމަށެވެ.
''އަޅުގަނޑު ދެކޭ ގޮތުގައި މި ތަނުގައި މި ހުރިހާ ތަފާސްހިސާބު ކިޔުއްވަން ޖައްސުވައި އަދި އެ ކިޔާ ނިމުނުއިރުގައި މީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައަށް ވެ ދިއުން އެއީ އަޅުގަނޑު ހިތުން އިއްޒަތްތެރި މެންބަރުން ވަރަށް ގިނައިން ވާނީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ކިޔުއްވާފަ. އެ ވާހަކައިގަ ވީ ގޮތް އެނގިވަޑައިގަންނަވާނެ. މި އޮތީ ހަމަ ސީދާ އެ ގޮތްވެފަ.'' ނަޝީދު ވިދާޅުވިއެވެ.