ޚަބަރު

ޔާމީން ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހަގީގަތް އޮއްބާލަން: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހަގީގަތް އޮއްބާލަން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރުކުރެވުނީ ކޯޓުގައި މިހާރުވެސް ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށާއި އިތުރު އާ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"އިތުރު އާ މައްސަލައެއް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ. މިހާރު ދައުވާކޮށް، ޝަރީއަތުގެ މަރުހަލާގެ ތެރޭގައި ހަމަ އިސްތިއުނާފުވެސް ކުރާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި ހަމަ މިއަދުގެ ތަހުގީގުވެސް ކުރިއަށް ދިޔައީ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ މައިގަނޑު މައްސަލަ އޮއްބާލުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށާއި އަދި މިއީ އަސްލު އެ ހިޔާނާތުގެ ތެރޭގައި ހިމެނޭ މީހުންގެ މައްސަލަތައް ފުރޮޅާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން ޑީލެއް ދީފައިވާ ކަމަށްވެސް ޖަމީލު ތުހުމަތު ކުރެއްވިއެވެ.

އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ކުރެވޭއިރު ވަކި ފަރާތްތަކެއްގެ މައްސަލަތައް ބަލާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!