އުމަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ފެންނަ މަންޒަރަށް ބަލާއިރު ޔާމީން މިނިވަންވާނެ ތަނެއް ވެސް ނުފެންނަ ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ބޭނުންވާނަމަ ހުޝިޔާރު ބައެއްގެ އަތަށް ޕީޕީއެމްގެ ލީޑަޝިޕް ދޭންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް އެ ހުޝިޔާރުކަން މިވަގުތު އެ ޕާޓީން ނުފެންނަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ލީޑަޝިޕާ ހަވާލުވާނެ ފަރާތެއް ހޯދަން އަޅުގަނޑުމެން އިއުލާނެއް ނުކުރަން: އަދުރޭ
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްގެ ލީޑަޝިޕާއި ހަވާލުވާނެ ފަރާތެއް ހޯދަން އިއުލާން ނުކުރާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ލީޑަޝިޕް ނަގަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެންނެވެ.
ސަން ޓީވީގެ ފްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. އަދި ވެރިކަމުގައި ހުރެ އިންތިހާބަކުން ނާކާމިޔާބު ވެއްޖެނަމަ، ވެރިކަން ނެތި އިންތިހާބެއް ކާމިޔާބުކުރުމަކީ ވަރަށް ނުވާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމެއްގައި ވެސް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
މިވާހަކަތަކަށް ރައްދު ދެއްވައި އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕާއި ހަވާލުވާނެ ފަރާތެއް ހޯދަން އިއުލާނުކޮށްގެން ނޫޅޭ ކަމަށާއި ކުރީގެ ރައީސް ޔާމީނަށް އިންތިހާބެއް ކާމިޔާބު ވާނެކަން ނުވަތަ ނޫންކަން ނިންމާކަށް ވަކި ފަރުދަކަށް ނޭނގޭ ކަމަށެވެ.
"ީޕީޕީއެމްގެ ލީޑަޝިޕާއި ހަވާލުވާނެ ފަރާތެއް ހޯދާކަށް އަޅުގަނޑުމެން އިއުލާނުކޮށްގެން ނޫޅެން. ރައީސް ޔާމީނަށް އިންތިހާބެއް ކާމިޔާބު ވާނެކަން ނުވަތަ ނޫންކަން ނިންމާކަށް ވަކި ފަރުދަކަށް ނޭނގޭނެ. ހުރިހާ ކަމެއްގައި ބާރުވެރިކަން މިލްކުވެވޮޑިގެންވަނީ ހާލިގް ވަންތަ ﷲ ސުބުހާނަހޫ ވަތައާލާއަށް." އަދުރޭ ވިދާޅުވިއެވެ.