ޚަބަރު

"ކޮމިޝަންތައް އުފެއްދީ ވަކި ބަޔަކަށް ވަޒީފާ ދޭން، ކޮރަޕްޝަން ސިޔާސަތު ވަނީ ފެއިލް ވެފައި"

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮންމެ ކަމަކަށް ކޮމިޝަނެއް އުފެއްދީ ވަކި ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާދަމް ޝަރީފް މިހެން ވިދާޅުވީ ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ ގޮތުން ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރުކަމުން އާސް އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އާސް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ މިފަދަ ކޮމިޝަނެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި މިހާރު މަޤާމުން އިސްތިއުފާދެއްވިކަން އަންގަވައި ރައީސް ޞާލިޙަށް ސިޓީއެއް ފޮނުއްވާފައިވާ ކަމުގައެވެ. ނަމަވެސް އޭނާ މަޤާމުން އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް އެޓުވީޓުގައި ވިދާޅުވެފައެއް ނުވެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނަށް ކަމެއް ނުކުރެވުނީ އަމިއްލަ މަސްލަހަތު އިސްކުރަންޖެހޭތީ ކަމަށެވެ. އަދި ސަރުކާރުގެ ކޮރަޕްޝަން ސިޔާސަތު ފެއިލްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮމިޝަންތަކަކީ ވަކި ބަޔަކަށް ވަޒީފާދޭން އުފެއްދި ތަންތަން، އެސެޓް ރިކަވަރީ ކޮމިޝަންއިން ކަމެއް ނުކުރެވެނީ އަމިއްލަ މަސްލަހަތު އިސްކުރަން ޖެހޭތީ. ކޮރަޕްޝަން ސިޔާސަތު ވަނީ ފެއިލް ވެފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާސް އިސްތިއުފާ ދެއްވުމުން މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަންގެ ރައީސް އަހްމަދު އަސްހަދު އާއި ނަދީމް އިބްރާހީމާއި އައިޝަތު ހަނާ ވަހީދު އަދި ފާތިމަތު ސަރީރާ އަލީ ޝަރީފުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!