މާ ބޮޑަށް ކަންކަމާ ހާސްވެ ކަންބޮޑު ވަނީތަ؟ މިކަންކަން ކޮށްލާ
ކަންކަމާމެދު ހާސްވެ ކަންބޮޑުވުމަކީ އިންސާނާގެ ތަބީއަތުގައިވާ ކަމެކެވެ.އެހެންކަމުން ޙަޔާތުގައި ދިމާވާ އެކި ކަންކަމާމެދު ވިސްނާ ފިކުރު ކުރުމަކީ އަޅުގަނޑުމެން އެންމެންވެސް ކުރާ އަދި ކުރެވޭ ކަމެކެވެ.
ނަމަވެސް ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަ ފަދައިން މިކަމުގައި ވެސް ހައްދެއް އޮންނާނެ ކަން ޔަގީނެވެ. މާބޮޑަށް ކަންކަމާ ހާސްވުމަކީ ވެސް ތިމާގެ ސިއްހަތަށް އެކި ގޮތްގޮތުން އަސަރު ކުރާ ކަމެކެވެ.
މިފަދައިން މާބޮޑަށް ކަންކަމާ ވިސްނި ހާސްވާގޮތް ވާނަމަ ކުރެވިދާނެ ކަންތައްތައް ބައިވަރެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހިމަނާލާނަމެވެ.
ވަގުތުކޮޅަކަށް ނިދާލުން
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ބިޒީ ޝެޑިއުލްތަކެއްގައި އުޅޭ ބައެއްކަން ގައިމެވެ. އަދި އެ ބިޒީ ޝެޑިއުލްގެ ސަބަބުން ގިނަ ފަހަރަށް ހަމަނިދި ނުނިދޭ ފަހަރުވެސް އާދެއެވެ. އެގޮތުން ކޮންމެ ރެޔަކު ދަންވަރު ދޭއް ތިނެއް ޖަހާއިރު ނިދާ މީހާވެސް ހެނދުނު އޮފީހަށް ދިއުމަށް 8 ޖަހާއިރު ހޭލައެވެ. ހަގީގަތުގައި ލިބެންވާ ވަރަށް ނިދި އޭރަކުން ނުލިބެއެވެ.
މާބޮޑަށް ކަންކަމާ ހާސްވާ ނަމަ ހުސްވަގުތެއް ހޯދައިގެން ނިދާލުމަކީ ކަމާބެހޭ މާހިރުން އިރުޝާދު ދޭ ކަމެކެވެ. ނިދާލުމުން ތިބާގެ ހަށިގަނޑަށް އަރާމު ކޮށްލަން ވަގުތުކޮޅެއް ދެވެއެވެ. އަދި ތިބާގެ ސިކުނޑިއަށް ހަމަ ޖެހުމެއް ލިބިގެންދާނެއެވެ. ހަމަ ޔަގީނުންވެސް ނިދާލުމުން ތިބާގެ ސިކުނޑިއަށް ހަމަ ޖެހުން ލިބިގެންދާނެއެވެ.
މީރު ކާ އެއްޗެއް ކާލުން
މީރު ކާ އެއްޗެއް ކާލުމަކީ ސިކުނޑި ހަމަ ޖެހި ކަންކަމާ ވިސްނުމުން ދުރު ކޮށްދޭ ކަމެއް ކަމުގައި ބުނުމުން ގިނަ ބަޔަކަށް މަޖާ ކަމަށް ވެދާނެއެވެ. ނަމަވެސް ތިބާއަށް މީރު ކާ އެއްޗެއް ކާލުމަކީ ތިބާ ނުހަނު އުފާވާނެ ކަމެކެވެ.
ތިބާ ހިތްހަމަ ޖެހޭ ފަދަ ކާ އެއްޗެއް ކާލުމުން ތިބާއަށް ހިތްހަމަ ޖެހުން ލިބޭނެ ކަމަށާއި އެހެން ހިޔާލުތަކުން ދުރުވެގެން ދާނެ ކަމުގައިވެސް ކަމާ ބެހޭ މާހިރުން ބުނެއެވެ.
ފެންވަރާލުން
ކަންކަމާ މާބޮޑަށް ވިސްނާ ފިކުރު ކުރެވި ހާސްވާ ނަމަ ފެންވަރާލުމަކީ ވެސް ސިކުނޑި ހަމަ ޖައްސާލުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ. ހަމަ ހިމޭން ކަމާއެކު ފެންމާގަނޑު ދޮށުގައި ހުރެ ފެންވަރާލުމަކީ ހިތަށް ވަރަށް ހަމަޖެހުން ލިއްބައިދޭ ކަމެކެވެ.
ގާތް ރަހުމަތްތެރިޔަކާ ވާހަކަ ދައްކާލުން
ގާތް ރަހުމަތްތެރިޔަކާ ވާހަކަ ދައްކާލުމަކީ ވެސް ތިބާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ. އަދި ހަމަ އެހެންމެ ނުތަނަވަސް ކުރުވާ ހިޔާލު ތަކުން ދުރުކޮށްދޭނެ ކަމެކެވެ.
މާބޮޑަށް ކަންކަމާ ފިކުރު ކުރެވޭ ނަމަ ތިބާގެ ހިތުގައި ހިނގަމުންދާ އުދާސްތައް ގާތް ރަހުމަތްތެރިއަކާ ހިއްސާކޮށްލުމަކީ ވެސް ވަރަށް ބޮޑަށް ހިތަށް ފަސޭހަ ވާނެ ކަމެއްކަން ގައިމެވެ.
ދެކެން ބޭނުންވާ ދުވަހެއް ހިތުގައި ސިފަކޮށްލުން
އަޅުގަނޑުމެން ކޮންމެ މީހެއްވެސް ދެކޭ ހުވަފެންތަކެއް ހުންނާނެ ކަން ޔަގީނެވެ. އަދި މިއަދު އެ ހުވަފެންތައް ހަގީގަތަކަށް ނުވި ކަމުގައި ވިޔަސް ކޮންމެވެސް ދުވަހަކުން އެ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށް އުއްމީދު ކުރަން ވާނެއެވެ.
އެ ހުވަފެން ހާސިލުވާ ދުވަހަކީ ތިބާ ވަރަށް ދެކެން ބޭނުންވާނެ ދުވަހެކެވެ. އެހެން ކަމުން އެދުވަސް ތިބާގެ ހިތުގައި ތަސްވީރު ކޮށްލާށެވެ. އެކަމުގެ ސަބަބުން ހިތަށް ހަމަ ޖެހުމާއި އުއްމީދު ލިބިގެންދާނެއެވެ.
ކަސްރަތު ކޮށްލުން
ކަސްރަތު ކުރުމަކީ ނުތަނަވަސްކުރުވާ ވިސްނުން ތަކާއި ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ސިއްހީ މާހިރުން ފާހަގަ ކުރެއެވެ. އެގޮތުން ކަސްރަތު ކުރާނަމަ ތިމާގެ ހައްޓަށް ލުއިވެ ސިކުނޑި ހަމަޖެހުމުގައި އެހީތެރި ވެދެއެވެ.
މި ފާހަގަ ކުރި ކަންތައްތަކުގެ އިތުރުންވެސް އެތައް ކަމެއް ތިބާ ކަންކަމާމެދު މާބޮޑަށް ހާސްވެ ކަންބޮޑުވާ ނަމަ ކުރެވިދާނެއެވެ. ހާސްވާ ނަމަވެސް ހާސްވާނެ ކަމެއް ނެތެވެ. ނަފްސު ހަމަޖައްސާލާށެވެ.