ޚަބަރު

ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ޖާބިރަށް ދީފި

ދެން އެމްވީ

ވ.ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏާ ހަވާލުކޮށްފިއެވެ.

ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން، ޖާބިރާ އެ ރަށް ހަވާލު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުއެވެ.

ބޮޑުމޮހޮރާ އަކީ ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް 2012 ވަނަ ދީފައިވާ ރަށެވެ. އޭރު އެރަށް ދީފައިވަނީ ޖާބިރު އާއި އަނބިކަނބަލުންގެ ހިއްސާ އޮންނަ މެރިން ޓެކްނޮލަޖީ މޯލްޑިވްސް އަށެވެ.

ޖާބިރު އަތުން އެ ރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގިއެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ އެރަށް ހަވާލު ކުރުމަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ ރަށް ޖާބިރަކަށް ހަވާލެއް ނުކުރެއެވެ.

ޖާބިރު އަށް މި ރަށް ދޭން 2015 ވަނަ އަހަރު ކުރި ހުކުމާ ގުޅިގެން އޭނާ ވިދާޅުވެފައިވާ ގޮތުގައި ބޮޑުމޮހޮރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންފުޅު ވަނީ އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތެރެއިންނެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި މި ރަށުގެ އެއްބަސްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މަޝްރޫއު ކުރިޔަށް ގެންދާނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސް ހަމަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ފުރަތަމަ ފޭސްގައި 100 އެނދުގެ ރިސޯޓެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!