ދުނިޔެ

އެމެރިކާއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕާކިސްތާނުން ހާޒިރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕާކިސްތާނުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށްފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާއިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާޒިރުކުރީ ރައީސް ޖޯ ބައިޑަން ދެއްވި ތަގުރީރެއްގައި ޕާކިސްތާނަކީ "އެއްވެސް އެއްބައިވަންތަކަމެއް ނެތި ނިއުކްލިއާ ހަތިޔާރު ހުރި ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ގައުމަށް ވެދާނެ" ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.

އުމުރުން 79 އަހަރުގެ ބައިޑަން މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ޑިމޮކްރެޓިކް ކޮންގްރެސްގެ ކެމްޕެއިން ކޮމިޓީގެ ރިސެޕްޝަނެއްގައެވެ. އެ ވާހަކަފުޅުގައި ބައިޑަން ވަނީ ޔޫކްރެއިން، ޗައިނާ އަދި އެތެރޭގެ މައްސަލަތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރްދާރީ މިއަދު ހެނދުދު ކަރާޗީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބައިޑަންގެ ވާހަކަތަކާ ގުޅިގެން ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއީ އެންގޭޖްމަންޓް ނެތުމުން އުފެދޭ ކަހަލަ އޮޅުމެއް،" އޭނާ ވިދާޅުވިއެވެ.

"ނިއުކްލިއާ ސަލާމަތާ މެދު އެއްވެސް ސުވާލެއް އުފެދޭ ނަމަ، އެކަން އަމާޒުކުރަން ޖެހޭނީ އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާއަށް، ދާދި ފަހުން ޕާކިސްތާނުގެ ސަރަހައްދަށް މިސައިލެއް ފޮނުވާލީ އެ ގައުމުން،" މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހު ޕާކިސްތާނަށް ސުޕަސޮނިކް މިސައިލެއް ފޮނުވާލި ހާދިސާއާ ހަވާލާދީ ބުއްޓޫ-ޒަރްދާރީ ވިދާޅުވިއެވެ.

އެމެރިކާ ސަފީރު ހާޒިރުކޮށް ދެކެވުނު ވާހަކަފުޅުތަކުގެ ތަފްސީލެއް މީޑިއާތަކާ އަދި ހިއްސާކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!