ޚަބަރު

ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރި ތާރީހު ދުށް އެއް ނަމްބަރު ވަޒީރަކީ އަލީ ވަހީދު: ޖާބިރު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ތާރީހު ދުށް އެއް ނަމްބަރު ވަޒީރަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް، ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައިމިވަނީ ވ.ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ޓޫރިޒަމް މިނިސްޓްރީން މިއަދު ޖާބިރުގެ ކުންފުންޏަކަށް ދީފައިވާ ދަނޑިވަޅެއްގައެވެ.

ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް ބޮޑުމޮހޮރާ ދީފައިވަނީ 2012 ވަނަ އަހަރު ނަމަވެސް ކުރީ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން އަތުލާފައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި މެރިން ޓެކްނޮލަޖީ މޯލްޑިވްސް އާއި ބޮޑުމޮހޮރާ ހަވާލުކުރުމަށް ސިވިލް ކޯޓުން އެންގުމުން ވެސް ކުރީ ސަރުކާރުން ވަނީ އެއަށް އަމަލުކުރަން ދެކޮޅު ހަދާފައެވެ.

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ ރާއްޖޭގައި ޒަމާންވަންދެން ރިސޯޓު ވިޔަފާރިކުރާ ވިޔަފާރިވެރިއެއް ކަމަށާއި އެގޮތުން ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ ވަޒީރުން ފެނިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ސިޔާސީ ފިކުރަށް ބެލުމެއް ނެތި ހައްގަށް ޑެލިވާ ކުރާ، ތާރީހު ދުށް އެއް ނަމްބަރު ވަޒީރަކީ އަލީ ވަހީދު ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު، މިނިސްޓަރު އަލީ ވަހީދަށް ތައުރީފްކުރައްވާފައި މިވަނީ އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވާހަކަދައްކާފައިވާ އޯޑިތަކެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރު އަލީ ވަހީދަށް މިހާރު ވަނީ އަމާޒުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!