އާސަންދައިގެ ދަށުން އިތުރު ބަޔަކު ބޭސްފަރުވާއަށް ފުރައިފި
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުންވަމުންދާ މީހުންގެ ތެރެއިން ހަތަރުވަނަ ގްރޫޕް މިއަދު އިންޑިއާއަށް ފުރައިފިއެވެ.
އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް ފުރާފައިވަނީ މިއަދު އިރުއޮއްސި 18:30ގައި ޤައުމީ އެއަރލައިންގެ ފްލައިޓެއްގައެވެ. މި ފްލައިޓްގައި ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމްލަ 50 މީހުން އިންޑިއާއަށް ފުރައިފައިވެެއެވެ. މިއީ މި ގޮތަށް އިންޑިއާއަށް ފުރި ހަތަރުވަނަ ގްރޫޕެވެ.
މި ގްރޫޕުގައި ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސައި އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19އަށް ޓެސްޓްކޮށް ނަތީޖާ ނައްސިވުމުންނެވެ. އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑް-19އަށް ޓެސްޓު ކުރާނެއެވެ. އަދި އެ ޤައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް-19އަށް ޓެސްޓު ކުރާނެއެވެ.
މިއަދު ފުރި މީހުންގެ ތެރެގައި ހިމެނެނީ 21 ބަލިމީހުންނެވެ. މީގެތެރެއިން 9 މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އެއިމްސް ހޮސްޕިޓަލުގައެވެ. ބާކީ 12 މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ. ބަލިމީހުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާ ކުރިއަށް ގެންދެވޭނެއެވެ.
އާސަންދައިގެ ދަށުން އެންމެ ފަހުން މިފަދަ ބެޗެއް ފުރާފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހުއެވެ. މިބެޗްގައި ބަލިމީހުންނާއި އެހީތެރިންނާއެކު މުޅި ޖުމްލަ 60 މީހުން އިންޑިއާގެ ޓްރިވެންޑްރަމަށް ވަނީ ގޮސްފައެވެ.