ވިނަ އިންދަން ޖުމްހޫރީ މައިދާން ބަންދުކޮށްފި

ޖުމްހުރީ މައިދާނުގައި މިހާރު އޮތް ވިނަގަނޑު ހަލާކުވުމުގެ ސަބަބުން އަލުން ވިނަ އިންދުމަށްޓަކައި އެ ސަރަހައްދު އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޖުމްހޫރީ މައިދާންގެ ވިނަގަނޑު އިންދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާން ސަރަޙައްދު ރީތި ކުރަން ފެށީ މި ފާއިތުވި ތިން އަހަރު އެ ސަރަޙައްދަށް އަޅައިނުލައި، ވަރަށް ބޮޑަށް ހަލާކުވެ ވިނަތައް ވެސް މަރުވެފައި ވަނިކޮށް ކަމަށް އެ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތައް ޒީނަތްތެރި ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޖުމްހޫރީ މައިދާނުގެ ފެންވާރާއި ވަށައިގެންވާ ބުރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.