ޚަބަރު

ޒަކާތް ދިނުމުގެ ދަހިވެތިވެ، އެކަން ލަސް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

ޒަކާތް ނެރުމުގައި ދަހިވެތިވެ ޒަކާތް ލަސްކުރުމަކީ ނުބައިކަން ބޮޑު ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

"އިސްލާމް ދީނުގައި ޒަކާތުގެ މަންޒިލާއި މަގާމް" ގެ މައުލޫގެ ދަށުން މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ ޒަކާތް ދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ޒަކާތަކީ އިސްލާމް ދީނުގެ އެއް ރުކުން ކަމުގައި ވާއިރު، އެކަމަށް ނުކޮށްފި ނަމަ ދީނުން ބޭރުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ޒަކާތަކީ ފަގީރު ކަމަށް އޮތް ހައްލެއް ކަމަށާއި އަދި އެއީ ގުރްއާނުގައި ނަމާދާއެކު ވިދިގެން ބަޔާންކުރެވޭ އަޅުކަމެއް ކަމަށެވެ. އެހެންކަމުން ނަމާދަށް އީމާންވެ ނަމާދުކުރަމުން މުދަލު ޒަކާތް ނުނެރޭނަމަ، އަހަރެމެންގެ އިސްލާމްކަން ފުރިހަމައެއް ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ފަހެ ނަމާދާއި ޒަކާތަކީ އިސްލާމް ދީނުގެ ދެ ރުކުނަށް ވާއިރު، އެއް ރުކުން އަދާކުރަމުން، އަނެއް ރުކުނަށް އިހުމާލުވެވޭނީ ކިހިނަކުން ހެއްޔެވެ؟ ކީރިތި ގުރްއާނުގައި މާތްﷲ، ނަމާދާއި ޒަކާތް އެކުއެކީގައި މަދުވެގެން ފަސްސަވީސް ފަހަރު ބަޔާން ކުރައްވާފައި ވެއެވެ. ކަން މިހެން އޮތް އިރު އަޅުގަނޑުމެން ޒަކާތް ނެރުމުގައި ޣާފިލުކަން މަތީގައި، ދަހިވެތިކަމުގެ މަޅީގައި ބެދި، ޒަކާތް ދިނުން ލަސްކުރުން ނުވަތަ އެކަމަށް ފަރުވާކުޑަކުރުން، ވެގެންދާނީ ކޮންފަދަ ނުބައިކަން ބޮޑު ކަމަށް ހެއްޔެވެ؟" ހުތުބާގައި ބުނެފައިވެއެވެ.

އަހަރެމެން ހަނދާންކުރަން ޖެހޭނީ ޒަކާތުގެ ގޮތުގައި އަހަރެމެން ނެރޭ ކުޑަކުޑަ މިންވަރުން މުޖުތަމައަށް ކުރާ މަންފާއާއި ޒަކާތުގެ އަހުލުވެރިންނަށާއި އޭގެ ހައްގުވެރި ފަގީރުންނަށާއި މިސްކީނުންނަށާއި ދަރަނިވެރިންފަދަ މީހުންނަށް ލިބިގެންދާނެ އެހީތެރިކަމާ މެދު ކަމަށް ހުތުބާފައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ މުދަލަށް ލޯބިކުރުމުގައި މުހިންމު ތިން ކަމެއް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ މުދަލަކީ މާތްﷲގެ މިލްކެއް ކަމަށް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މުދަލަކީ އަހަރެމެންގެ މިލްކުވެރިކަން ލެއްވިގެންވާ މަތިވެރި އަމާނާތެއް ކަމެވެ. ދެވަނަ ކަމަކީ މުދާ ހޯދަން ޖެހޭނީ ﷲ ހުއްދަ ކުރެއްވި އިންތަކާއި މިންތަނުގެ ތެރޭގައިކަން ދެނެގަންނަން ޖެހޭނެ ކަމަށެވެ. އަދި ތިން ވަނަ ކަމަކީ މުދާ ހޭދަކުރަން ޖެހޭނީ ވެސް ﷲ ބަޔާން ކުރައްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރޭގައިކަން އަހަރެމެން ދެނެގަތުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!