ޚަބަރު

ޔާމީން ފުލުހަށް ހާޒިރުކުރީ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ މީގެކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ކުރެވި ޝަރީއަތް ހިންގާފައިވާ މައްސަލައެއްގައި ނޫން ކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ ކޯޓުގައި މިހާރުވެސް ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށާއި އިތުރު އާ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން ފުލުހުން ބުނީ ޔާމީން ހާޒިރުކޮށް ސުވާލުކުރެވުނު އެއް މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 (ހަތްދިގެ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

އަދި އަނެއް މައްސަލައަކީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ) ރުފިޔާ ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.

ތިންވަނަ މައްސަލައަކީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ ތުހުމަތު ކުރެވޭ މައްސަލަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުނއ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ވެސް ޔާމީންއާ މިއަދު ސުވާލު ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!