އިންތިހާބުގައި ޕާޓީ ފިކުރަށްވުރެ، ދީނާއި ޤައުމަށް އިސްކަން ދޭން ޖެހޭ: އަދުރޭ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީ ފިކުރަށްވުރެ، ދީނާއި ގައުމު ހިމާޔަތްކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ "މިއީ މަގޭ ރާއްޖެ" ގެ ޝިއާރުގެ ދަށުން ޕީޕީއެމްގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުނެވެ.
އަދުރޭ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރާއެކު މަސައްކަތް ކޮށް، ރައްޔިތުންނަށް ލާބަ ހޯދާދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަދި އެއީ ޕީޕީއެމްގެ ފިކުރު ކަމަށާއި، އެއީ ރައީސް ޔާމީންގެ ފިކުރު ކަމަށް ވެސް ކާނިވަލް ސަރަހައްދަށް އެއްވެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުޚާބަތު ކުރަމުން އަދުރޭ ވިދާޅުވިއެވެ.
"މިރޭގެ މިވަގުތުން ފެށިގެން ޕީޕީއެމްގެ މެންބަރުންނަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެ. ވަޒީފާގެ ބިރުވެސް ދައްކާނެ. އެކަމަކު އެ ބިރަށް ފަހަތަށް ނުޖެހޭތި. އެ ހުރިހާ ކަމަކަށްވުރެ އިސްލާމްދީން އިސްވާންޖެހޭނެ،" އަދުރޭ ވިދާޅުވިއެވެ.
އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސޭހަކަމާއެކު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށް މިރޭގެ ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ. ސަބަބަކަށް ވަނީ، މިއަދު މިސަރުކާރު ގެނައި އެމްޑީޕީ މެމްބަރުން ވެސް ތިބީ ސަރުކާރު މަތިން ފޫހިވެ، އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ މެމްބަރުން ސަރުކާރު ގެނައުމަށް ފަހު އެމީހުން މަގުމަތި ކޮށްފި ކަމަށް ވިދާޅުވެ އަދުރޭ ވަނީ އެ މެމްބަރުން ވެސް މިއަދު ބޭނުންވަނީ އަލުން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް ބުނެފައެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލަރުންނަކީ ހަމައެކަނި ޕާޓީގެ ކައުންސިލަރުންނެއް ނޫން ކަމަށެވެ. އެ ކައުންސިލަރުންނަކީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމްދީން ދިފާއު ކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބި ކައުންސިލަރުންތަކެއް ކަމަށެވެ.