ޚަބަރު ޝަރުޢީ ދާއިރާ

ގާޒީ ސަމީރަށް ފިޔަވަޅު އަޅަން ނިންމައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގާޒީ ސަމީރު

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ޑްރަގް ކޯޓުގެ ގާޒީކަމުގައި ހުންނެވި މުޙައްމަދު ސަމީރަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން މިއަދު ބުނީ, ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި, އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމިޝަނަށް ގާޒީ ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާކަމާއި, އަދި ދިފާޢީ ވަކީލުން ކުށްވެރިކޮށް އެ ވަކީލުންނާމެދު ޒާތީ ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ގާޒީ ސަމީރު ޢަމަލުކޮށް ވާހަކަދައްކާފައިވާކަން ސާބިތުވާ ކަމަށެވެ.

ގާޒީ ސަމީރުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކަކަށްވާތީ އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ 2022 އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 73 ވަނަ ޖަލްސާގައިކަމަށް ޖޭއެސްސީން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!