ޚަބަރު

ހަލުވި ދުވެލި ގެނެވޭނީ ޕީޕީއެމްއަށް، ހައްގު ހޯދާ ދެވޭނީވެސް މި ޕާޓީއަށް: މުއިއްޒު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ތަރައްގީގެ ހަލުވި ދުވެލި އަނބުރާ ގެނެވޭނީ އިދިކޮޅު ޕީޕީއެމަށް ކަމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދެވޭނީ ވެސް އެ ޕާޓީ އަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"މިއީ މަގޭ ރާއްޖެ" ގެ ޝިއާރުގެ ދަށުން ޕީޕީއެމްގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެއާއި މިއަދު އޮތް ޙާލަތަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށާއި މާލެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދިވެހި ގައުމުގެ ކަންކަން ބޮއްސުން ލައިގެން ގޮސްފައިވާ ވަގުތު ދިވެހި ރައްޔިިތުން ނުކުމެ ތިބޭނެ ކަމުގެ ސާފު ހެކި މިރޭގެ ޖަލްސާ އިން ފެނިގެން ދާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިނަމަ، މާލެ ވަށައިގެން އެމަނިކުފާނުގެ ވެރިކަމުގައި ތައްޔާރުކުރަން ފެށިފައިވާ ރިންގް ރޯޑުގެ މަސައްކަތް ނިންމައި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގާއި އެމްޕީއެލް ސަރަހައްދާއެކީ ތާރު އަޅައި ނިންމާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރައީސް ޔާމީނު ވެރިކަމުގައި ހުންނެވިނަމަ، ގުޅީފަޅާއި މާލެ ގުޅުވާލާ ބުރިޖުގެ މަސައްކަތް ނިންމަވައި ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ފުރިހަމަކުރައްވައި މާލޭ ރައްޔިތުންނަށް ގެދޮރުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ. ރައީސް ޔާމީނުގެ ދުވެއްޔަކީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ދުވެލި." މުއިއްޒު ވިދާޅުވިއެވެ.

މާލެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަން ކަމުގައި ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ މޭޔަރުކަމަށް ވަޑައިގެންނެވިއްޖެނަމަ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި އޭގެ އިތުރުން މާލެ ފެހިކޮށް ތިމާވެއްޓާ ރަހުމަތްތެރި ތަންތަން ތަޢާރަފުކުރައްވާނެ ކަމަށާއި މާލޭގައި ހުރި ބިންތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން މިސްކިތްތައް ބަލަހައްޓައި، ބަންގީގެ އަޑު ކެޑިޔަނުދީ ދީނީ ކަންކަން ކުރިއެރުއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!