ގޮއިދޫ ކޯޓުގެ މެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުން ވަކިކުރަނީ
ބ.ގޮއިދޫ ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ މެޖިސްޓްރޭޓް ނިޝާރުއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަޙްޤީޤުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ހާމަކުރި ގޮތުގައި ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާއެއްގައި ދަޢުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން އެ ޤަޟިއްޔާ ބެލުމުން މެޖިސްޓްރޭޓް ނިޝާރު ތަނާޒުލުވިއެވެ. އެ ގޮތުން އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ޙަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ޚިލާފަށްކަމަށް ޖޭއެސްސީން ބުންޏެވެ.
ފަހުން އެ ޤަޟިއްޔާ ބެލުމާ މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް ހަވާލުވެ ޝަރީއަތް ހިންގާފައިވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމަ އެ ގޮތުގައި ދެމިއޮއްވާ ކަމަަށާއި, މިއީ ވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ޖޭއެސްސީން ފާހަގަކުރިއެވެ. އަދި ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތުންނާއި, މި މައްސަލާގައި ހިނގާފައި އެހެން ކަންކަމަށް ބަލާއިރު, މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު, މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ހަވާލުވެ އެ ޤަޟިއްޔާ ހިންގާފައިވަނީ މެޖިސްޓްރޭޓް ނިޝާރާއި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން ނިޝާރުގެ މަގާމުގެ ހައިސިއްޔަތާއި, ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ނިޝާރުގެ އެ ޢަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ޚިލާފު ޢަމަލުތަކަކަށްވާތީ އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން މި ގޮތަށް ނިންމިއިރު އެހެން މައްސަލައަކާ ގުޅިގެން މެޖިސްޓްރޭޓް ނިޝާރު ހުރީ ސަސްޕެންޑް ވެސް ކޮށްފައެވެ. އެއީ އޭނާ އައްޔަން ކުރެވިފައިވާ ކޯޓަށް ގަވާއިދުން ނުކުތުމުގެ ބަދަލުގައި, އޭނާއާ ހަވާލުކުރެވިފައިވާ ފުޅަދޫ މެޖިސްޓްރޭޓަށް ނުކުންނަމުން ދިޔަ މައްސަލައިގައެވެ.
އޭނާ ޢަމަލުކޮށްފައި ވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ޖޭއެސްސީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމުގައިވާތީ މިދިޔަ މަހުގެ 19 ގައި އެ ކޮމިޝަނުން ނިންމީ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށެވެ.