ޚަބަރު ޝަރުޢީ ދާއިރާ

ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަނު ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖުޑީޝަލް ސަރވިސް ކޮމިޝަން--

ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނު ކުރައްވައިފިއެވެ.

Ads by Hajj Corporation

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް މ.ވޭވަށް، ކޯނަރ، އަލްއުސްތާޒު ޔާސިރު މުޙައްމަދު އަދި ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޒު އިބްރާހިމް ނަޢީމް ޢައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ މިދިޔަ މަހު 30 ދުވަހު ބޭއްވި ކޮމިޝަންގެ 76 ވަނަ ބައްދަލުވުމުގައިކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ އެ ދެ ބޭފުޅުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރު 2022 ވާ އާދިއްތަ ދުވަހު ކަމަށެވެ.

ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލު ކުރައްވާފައިވާ ޔާސިރަކީ 3 އަހަރު ދުވަހު ޝަރުޢީ ދާއިރާއަށް ޙިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2019 ފެބްރުއަރީ 11އިން ފެށިގެން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމު އަދާކުރައްވާފައެވެ.

އިބްރާހިމް ނަޢީމަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ވެސް ހާސިލު ކުރައްވާފައެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުޢީ ދާއިރާއަށް ޚިދުމަތް ކޮށްދެއްވާފައިވާ ނަޢީމް ވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުން ފެށިގެން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!