“ޒަކާތު ނަފާ”ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ޕްރޮގްރާމެއް

ދިވެހިރައްޔިތުންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި އިކޮނޮމިކް މިނިސްޓްރީން ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.
ޒަކާތު ނަފާ ޕްރޮގްރާމް ކުރިއަށްދާނީ، ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން އެކުލަވާލާފައިވާ “ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު” އާއި އެއްގޮތަށް، ފިޔަވަހިތަކަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ބަޔަކަށް އަމާޒުކޮށްގެންނެވެ. މި އުސޫލު މިހާރުވަނީ ގެޒެޓްކުރެވިފައެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީ ދޭނެ ފަރާތްތައް ކަނޑައަޅާނީ، ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. އޭގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ތެރެއިން، ރަށްރަށުގައި ހުރި ފަޤީރުންގެ ގޭބިސީގެ ނިސްބަތުން ރަށްތައް ކެޓަގަރައިޒްކުރުން ހިމެނެއެވެ.
މީގެ އިތުރުން ކެޓަގަރައިޒްކޮށްގެން ކަނޑައެޅޭ ރަށްރަށުގެ ފަޤީރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ދިނުމާއި އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާގައި މަސައްކަތްކުރުމަށް ޤާބިލުފަރާތްތަކަށް އިސްކަންދިނުންވެސް ހިމެނެއެވެ.
ޒަކާތު ނަފާ ޕްރޮގްރާމަކީ، ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ބައިން ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.