ޓެންޒޭނިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފި

ޓެންޒެނިޔާގައި މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 19އަށް އަރައިފިއެވެ.
ބޯޓު ވެއްޓިފައި ވަނީ އެ ޤައުމުގެ ހުޅަނގުއުތުރުގައިވާ ބަކުބޯ ސިޓީގެ ވައިގެ ބަނދަރުގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.
ރީޖަނަލް ކޮމިޝަނަރު އަލްބާޓް ޗަލަމީލާ ވިދާޅުވީ ބޯޓުގައި 39 ފަސިންޖަރުންނާއި ދެ ޕައިލެޓުންނާއި ދެ ކެބިން ކްރޫން ހިމެނޭ ގޮތަށް 43 މީހުން ތިބި ކަމަށެވެ. އަދި މަރުވި 19 މީހުންގެ ތެރޭގައި ގެނބިގެން މަރުވި މީހުންނާއި އެމީހުން ސަލާމަތްކުރަން ދިޔަ މީހުންވެސް ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.
އެ މަތިންދާބޯޓު ވެއްޓެމުން ދިޔަ މަންޒަރު އެންމެ ފުރަތަމަ ފެނިފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ބަޔަކަށެވެ. އެމީހުން ބުނި ގޮތުގައި މަތިންދާބޯޓު ވެއްޓުމާ އެކު ފްލައިޓް އެޓެންޑެންޓަކު ފަހަތު ދޮރު ހުޅުވި ކަމަށާއި މީހުން ސަލާމަތް ކުރުމަށް އެމީހުން ފްލައިޓަށް އެރި ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބޯޓު ވެއްޓިފައި ވަނީ ވެރިރަށް ދާރުއްސަލާމުން ފުރައިގެން ބަކުބޯއަށް ދަތުރު ކުރަމުން ދަނިކޮށެވެ.
ޓެންޒެނިޔާގެ ރައީސް ސަމިޔާ ސުލުހޫ ޙަސަން ވެސް ވަނީ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.