72 ކިލޯގެ ޑްރަގް ކޭސް: ހެކި ނެތުމުން، ހަތް މީހަކު ސަލާމަތްވެއްޖެ
ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދަޢުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ނެތުމުން ސަލާމަތްވެއްޖެއެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ”މަސްޖަރީ“ ކިޔާ ދޯންޏެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 10 މީހަކަށް ދަޢުވާ އުފުލިއެވެ.
ދަޢުވާ ލިބުނު މީހުން:
ސ.ހުޅުދޫ/ދޭލިޔާގެ, އިރުފާން ތަޤިއްޔު
ރ.އިނގުރައިދޫ/އެލެސްކާ, މުޙައްމަދު ވިޝާމް
ދ. މާއެނބޫދޫ/އަނބުގަސްދޮށުގެ އަޙްމަދު ނަޞީރު
މއ. ކަނޑޫގެ ޢަލީ އަޙްމަދު
ހ. ގާރޑަންބިޔުޓީ މުޙައްމަދު އަކްރަމް
ރ.އިނގުރައިދޫ/އެލެސްކާ, ޢަބްދުﷲ ވިޝާމް
ހދ.ނޮޅިވަރަންފަރު/ނޫރީއާގެ, މުޙައްމަދު ޝަރީފް
ލ.ގަން/ތުނޑި, ޕެރިސްހޮލިޑޭ, މުޙައްމަދު ފުރުޤާން
ތ.ތިމަރަފުށި/ތަޑިރަތްމާގެ, މުޙައްމަދު ވަޖީޙް
ރ.ރަސްގެތީމު/ފީރޯޒްގެ, އަޙްމަދު ޝިނާން
މި އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލިއިރު, ތިން މީހެއްގެ މައްޗަށް އިތުރު ދަޢުވާއެއް ވެސް އުފުލިއެވެ. ކެނަބިސް ބޭނުންކުރުމުގެ ދަޢުވާ އުފުލީ އަޙްމަދު ނަޞީރާއި, މުޙައްމަދު އަކްރަމާއި, މުޙައްމަދު ޝަރީފުގެ މައްޗަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ.
''ދެން'' އަށް މަޢުލޫމާތު ދެއްވަމުން ޕީޖީގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ އޭގެތެރެއިން 07 މީހުންގެ މައްޗަށް އުފުލި ދަޢުވާތައް އަނބުރާ ގެންދިޔައީ އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށެވެ.
''އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ފަހުގެ ނިންމުންތަކަށް ބަލާއިރު މިހާރު ހުރި ހެކިތަކުން ދަޢުވާ ކުރިއަށް ގެންދެވިދާނެކަމަށް ނުފެންނާތީ''
އެގޮތުން އިރުފާނާއި އަކްރަމާއި ނަޞީރުގެ ބައި ފިޔަވައި ދެން ތިބި މީހުންގެ ބައި ވަނީ އަނބުރާ ގެންގޮސްފައެވެ.
މި މައްސަލައިގައި އިސްކޮށް ތިބިކަމަށް ތުހުމަތު ކުރަނީ އިރުފާނާއި މުޙައްމަދު ވިޝާމްގެ މައްޗަށެވެ.