މާލޭގައި ޖަހާ ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ”ތިލަމާލެ” ބްރިޖުގެ ތަނބުތައް ހެދުމަށް ޕައިލިން މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ މާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ.
ޖިނާން ވިދާޅުވީ މި ހަފްތާގައި މާލޭގެ ޓެސްޓް ޕައިލްގެ މަސައްކަތް ވެސް ނިމޭނެ ކަމަށާއި އޭގެ ފަހުގައި ދެން ފަށާނީ ދާއިމީ ތަނބުތަކުގެ މަސައްކަތް ކަމަށެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ތަނބުތަކުގެ މަސައްކަތްކަމަށް ޖިނާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ތަނބުތަކުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެއާ އެކުއެކީގައި ދެން ހިމެނޭ ސަރަޙައްދުތަކުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.
މާލެ ވިލިމާލެ ތިލަފުށި އަދި ގުޅީފަޅު ގުޅާލަދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގައެވެ.
ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ އިޤްތިޞާދީގޮތުން ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލައި، އިޤްތިޞާދީ ބޮޑު ހަބަކަށް މި ސަަރަޙައްދު ހެދުމެވެ.