ޚަބަރު ސިޔާސީ

ސަރުކާރުން ވަނީ ހުރިހައި ފަނޑިޔާރުންނަށް ބިރުދައްކައި، ރަހީނުކޮށްފައި: ރައީސް ޔާމީން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި ސަރުކާރުން ވަނީ ފަނޑިޔާރުންނަށް ބިރުދައްކައި ރަހީނުކޮށްފައިކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާއެކު ރޭ ބޭއްވެވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ޢަދުލު އިންސާފުވެރި ޙުކުމްތަކެއް ނުކުރާ ކަމަށް ބުނެ ޢަދުލު އިންސާފު ގާއިމު ކުރާނެ ވާހަކަ ދައްކަމުން އައި މީހުންނަށް މިހާރު މިވަނީ ކިހިނެއްތޯ ސުވާލު ކުރައްވައިފައެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ޝަރުޢީ ދާއިރާގައި ހިނގާ ކަންކަން އެ ހިންގަނީ އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ ހަަތަރު ބޭފުޅެއްގެ ލޯފާމުން ކަމަށެވެ. ފަނޑިޔާރުންގެ މޭޒުކޮޅުތަކުން ޖާގަ ލިބިގެންދަނީ އެ ލޯފާމުތަކުން ވަކާލާތު ކުރަން ވައްދާ މައްސަލަތަކަށް ކަމަށާއި ފަނޑިޔާރުގެއާ ބެހެވޭނީ އެވަރަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙް ކެމްޕޭނު ކުރަމުން ބުނި ޢަދުލު އިންސާފު ގާއިމު ކުރާނީ ކިހިނެއްހޭ. ޖޭއެސްސީ އޮންނަނީ ރައީސް ޔާމީން އަތުގައޭ. އެކަމު އޭރު ދެއްކި ވާހަކަތައް ހަނދާން ނެތުނީ. ކެންސަލް. ކެންސަލް. މިހާރު ޖޭއެސްސީ އެއަށްވުރެ ބާރުގަދަކޮށް އޮތީ އެމްޑީޕީ އަތުގައޭ. ހުރިހާ ފަނޑިޔާރުން އެ ތިބީ ރަހުނުކޮށްފަ. ބިރުދައްކާފަ.

ޢަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރަން އައި ބަޔަކު ޖޭއެސްސީއަށް ބަދަލު ގެންނަން ދެކޮޅު ހެދުމަށްފަހު މިއަދު ޢަދުލު އިންސާފު ގާއިމުކުރާ ވާހަކަދައްކަނީ ދެއްކުމުގެ ބޭނުމަކީ ކޮބައިތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

ޖޭއެސްސީގެ މައްސަލަ އަޅުގަނޑުމެންގެ ފަރާތުން މަޖިލީހަށް ވެއްދީމަ އެއަށް ޑިބޭޓް ކޮށްލަން ނުކެރުނީމަ ދެން ޢަދުލު އިންސާފު ގާއިމުކުރާ ވާހަކަ މި ދައްކަނީ ކީއްކުރަންތޯ. ނެތެއްނުންތޯ މިއިން ކަމެއް ކުރާކަށް ކެރިފޯރުންތެރިކަމެއް.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވ ޢަދުލު އިންސާފު ފެށެނީ ފަނޑިޔާރުންގެ މޭޒުކޮޅަކުން ނޫން ކަމަށާއި އެކަން ފެށެނީ ދައުލަތުން އެ މީހެއްގެ މައްޗަށް ތުހުމަތެއް ކުރާ ހިސާބުން ކަމަށެވެ. އަދި މިއަދު ޢަދުލު އިންސާފުގެ ދަތުރު މި ފަށަނީ މީހުން ފްރޭމް ކުރަން ކުރާ މަސައްކަތްތަކުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަތައް ތަޙްޤީޤު ކުރަނީ ސިޔާސީ ފިކުރުގައި ތިބޭ ފުލުހުން ކަމަށާއި އިދިކޮޅުގައި ތިބި މީހުން ފްރޭމް ކުރުމުގެ މަސައްކަތް ނޫން މަސައްކަތެއް ފުލުހުން ނުކުރާ ކަމަށެވެ. އަދި ކޯޓަށް ދާންވާއިރަށް އޮންނަނީ މައްސަލަ ނިންމާފައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޢަދުލު އިންސާފުގެ ދާއިރާއަކާ ނުބެހޭނެ. ކިހާ ވަރަކަށް ނުބެހެނީ. ފަހަރިޔާ ޅިޔަނާ އެތާ ތިބީ. މި މީހުން ލައިގެން ޢަދުލު އިންސާފުގެ ފުރަަތަމަ މަރުހަލާ މި ފަށްޓަނީ. ދެން މިއަދު ރައްޔިތުން ކައިރިއަށް އައިސް ކޮން ވާހަކައެއް ދައްކަން އޮތީ.

''ދެން ކީކޭތޯ ބުނަނީ. ތިލަފަތަށް ވޯޓުދޭށޭ. ތިލަފަތަށް ވޯޓު ދީފީމު. ދެން ބުނީ ކީކޭތޯ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނިއްޔާ ނޫނީ ރައްޔިތުން ބޭނުންވާ ކަންކަމެއް ތިމަންނަމެންނަށް ނުކުރެވޭނޭ.'' އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީން ވިދާޅުވިއެވެ.

އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމުކޮށްދިނުމުގެ ވަޢުދު ނުފުއްދޭތީ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު, ދެތިން ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވަނީ ޖޭއެސްސީ އެކުލަވައިލާފައިވާ ގޮތް ބަދަލު ކުރަން މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!