ޚަބަރު ވިޔަފާރި

އަންނަ އަހަރަކީ އެސްޓީއޯއަށް ވަރަށް ރަނގަޅު މާލީ އަހަރަކަށް ވެގެންދާނެ: އަމްރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި އަހަރަކީ ވެސް އަދި މި އަންނަ އަހަރަކީ ވެސް އެސްޓީއޯއަށް ވަރަށް ރަނގަޅު މާލީ އަހަރަކަށްވެގެންދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިއަދު ދެއްކެވި ވާހަކައިގައި އަމްރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރަކީ އެސްޓީއޯގެ ތާރީޚުގައި ވެސް އެންމެ ފައިދާވި ހަތަރު އަހަރު ކަމަށާއި އެ މަސައްކަތް އެ ގޮތަށް ކުރިއަށް ގެންދެވުނީ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް އަދި މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ކޮވިޑުތެރޭގަ ވެސް އަދި މިހާރުގަވެސް އޮޕަރޭޝަން އެފިޝިއެންސީއާ އެކީގަ އަޅުގަނޑުމެންނަށް ޚަރަދުތައް ކުޑަކުރެވި އަދި އިތުރަށް ފައިސާ ވެސް ލިބެނީ. އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން މި އަހަރު ވެސް އަދި މި އަންނަ އަހަރަކީ ވެސް އެސްޓީއޯއަށް ވަރަށް ރަނގަޅު މާލީ އަހަރަކަށްވެގެންދާނެ. މި ކަހަލަ ބޮޑު އޮޕަރޭޝަނެއް އެކިއެކި ދާއިރާތަކުގައި ހިންގާއިރު މިހާ އެފިޝިއެންޓް ކޮށް މި ހިނގަނީ އެސްޓީއޯގެ ސްޓާފުން ކުރާ ބުރަ މަސައްކަތުން. އެސްޓީއޯގެ ސްޓާފުންނަކީ ހަމަ އާދަޔާ ޚިލާފު ސްޓާފުން.

އެ މުވައްޒަފުންނާއެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން އޭނާއަށް ވެސް ބައިވަރު ކަންކަން ދަސްވެއްޖެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކީ ފޯރުކޮށްދެވެމުންދަނީ އެ މުވައްޒަފުންގެ ބުރަ މަސައްކަތާއެކު ކަން ވެސް އަމްރު ފާހަގަކުރެއްވިއެވެ.

އެސްޓީއޯގައި ތިބި 2200 އެއްހައި މުވައްޒަފުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން ބޭނުން.

މިދިޔަ ހަތަރު އަހަރު ތެރޭގައި ކުރެވުނު ކަންކަމަށް ބަލާއިރު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަމްރު ފާހަގަކުރެއްވީ ކޮވިޑުގެ ލޮކްޑައުންގެތެރޭގައި އެއްވެސް އެއްޗެއް ހުސްނުވެ ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިން ދިނުމެވެ.

އެއީ ''އެސްޓީއޯގެ ތާރީޚުގައި ވެސް ލިޔާވަރުގެ ވާހަކައެއް'' ކަމަށް އަމްރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!