ތާރީޚީ ދުވަހެއް: ތިން އަންހެން ފަނޑިޔާރުން ޝަރީޢަތެއް ކުރިއަށް ގެންދަވައިފި

ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީޢަތެއް ކުރިއަށް ގެންދަވައިފިއެވެ.
މި ޝަރީޢަތް ކުރިއަށް ގެންދެވީ މިއަދު 09:15 ގައެވެ. އެއީ ރަހުނު ހިމެނޭ ލޯނުގެ މައްސަލައެކެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ފާޠިމަތު ފަރުހީޒާއާއި ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު އުފެއްދިތާ 42 އަހަރު ފުރިފައިވާއިރު މިއީ ތިން އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީއަތެއް ކުރިއަށް ގެންދެވި ފުރަތަމަ ފަހަރެވެ.
ހައިކޯޓު އެކުލެވިގެންވަނީ އިސް ފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުން މައްސަލަތައް ބަލައި ނިންމަވާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.