ޓެކްސް ބޮޑުކުރާ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިދިނުމަށް ޕީޕީއެމްއިން ގޮވާލައިފި
ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުން މަޖިލީހުން މިއަދު ފާސްކުރި ނަމަވެސް އެއީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވާތީ ބިލު ތަސްދީޤުކުރެއްވުމުގެ ކުރިން އަނބުރާ މަޖިލީހަށް ފޮނުވައިދިނުމަށް އިދިކޮޅު ޕީޕީއެމްއިން ގޮވާލައިފިއެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޓެކްސް ބޮޑުކުރަން ބިލު ފާސްކުރަން ހުށަހެޅުމާ ގުޅިގެން ވެސް ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހުރި ކަމަށެވެ.
ބިލު ފާސްކުރުމާ ދެކޮޅަށް އިދިކޮޅުގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވެސް މަޖިލީހުގައި ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ނަމަވެސް މިއަދު ފެނިގެންދިޔައީ އޭގެތެރެއިން ބައެއް މެންބަރުން ބިލު ފާސްކުރަން ވޯޓުދެއްވާފައިވާ ތަން ކަމަށާއި އެއިން ވެސް އެނގެނީ މިކަމުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާކަން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މި ބިލާ ދެކޮޅަށް މަޖިލީހުގެ ރައީސްގެ ވެސް ކަންބޮޑުވުން ހުރި ކަމަށާއި ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފާނެ ކަމުގެ ބިރަށް މިއަދު ވޯޓަށް އެއްސެވީ ކަމަށް ބެލެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ބިލު ފާސްކުރި ނަމަވެސް ބިލު ތަސްދީޤު ކުރެއްވުމުގެ ކުރިން އަނބުރާ މަޖިލީހަށް ފޮނުވުމަށް ގޮވައިލާ ކަމަށެވެ.
ސަރުކާރަށް އަޅުގަނޑުމެން ގޮވާލަން ގެޒެޓް ކުރުމުގެ ކުރިން އަލުން މި މައްސަލަ މަޖިލީހަށް ފޮނުވުން. އަޅުގަނޑު ދެކޭ ގޮތުގަ މީ ސީދާ ރައްޔިތުންނަށް އޭގެ އަސަރުކުރާ މައްސަލައަކަށް ވާއިރު މިވަރުގެ ކަމެއް މަޖިލީހުން ނިންމި ކަމުގައި ވިޔަސް އަޅުގަނޑު ދެކޭ ގޮތުގަ އަލުން ރިޢާޔަތް ކުރަންޖެހޭ ކަމެއް.
ސަރުކާރުން ހުށަހެޅީ އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސްކުރަން 55 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.