ޓެކްސް ބޮޑުކުރަން ވޯޓުދެއްވި މެންބަރު ޙުސައިނަށް ޕީޕީއެމްއިން ފިޔަވަޅު އަޅަނީ
ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ވޯޓު ދެއްވި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) އަށް ފިޔަވަޅު އަޅަން ޕީޕީއެމްއިން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށް ފާސްކޮށްފައެވެ.
އެ ބިލާ އެއްކޮޅަށް 55 މެންބަރުން ވޯޓު ދެއްވިއިރު, ނުފެންނަކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. އިދިކޮޅުގެ ހުރިހާ މެންބަރުން ބިލާ ދެކޮޅަށް ވޯޓުދެއްވިއިރު ޙުސައިން ވޯޓު ދެއްވީ ބިލާ އެއްކޮޅަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޕާޓީގެ ތެރޭގައި އޮންނަ އުސޫލުން މެންބަރު ޙުސައިނާމެދު ވެސް އަމަލު ކުރާނެ ކަމަށެވެ.
އަޅުގަނޑުމެން ޕާޓީން ވާނީ ތުރީ ލައިން ވިޕެއް ނެރެފަ. އެހެން ނަމަވެސް މިއަދު ތި ވިދާޅުވި ގޮތަށް ވޯޓު ނެގިގެންދިޔައީ. ދެން އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވެސް ތުރީ ލައިން ވިޕެއް ނެރެފަ އޮއްވާ އެއާ ޚިލާފަށް ވޯޓު ދީފަ މިވަނީ. އެއީ ޑިމޮކްރަސީގަ އެކަން ހިނގާ ގޮތްކަމަށްވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް އެކަމާ ގުޅިގެން އަޅުގަނޑުމެންގެ ޕާޓީން ވެސް މި އޮންނަ އުސޫލުން ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
މެންބަރު ޙުސައިން ބިލާ އެއްކޮޅަށް ވޯޓު ދެއްވުމުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކައިގައި ވަނީ ޕާޓީގެ ރޫހު ދެމެހެއްޓުމަށްޓަކައި ޕާޓީ ވަރަށް ބަދަހިކޮށް އޮންނާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.