އެމެރިކާ އިން ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީ

ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރުގެ އެހީދިނުމަށް މިއަދު ނިންމައިފިއެވެ.
ޔޫއެސް ސަރުކާރުގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމަންޓަށް އިސްލާހެއް ގެނެސް، އިތުރު 3 މިލިއަން ޑޮލަރުނ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި ގުޅިގެން ކަނޑައަޅާފައިވާ ކަމަށެވެ.
"މިއެއްބަސްވުމުގެ ތެރެއިން ޔޫއެސް ގެ ފަރާތުން މިދަނީ އެމެރިކާއާއި ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް މަސައްކަތްކުރަމުން" ޔޫއެސްއޭއައިޑީގެ ޑެޕިއުޓީ އެސިސްޓަން އެޑްމިނިސްޓރޭޓަރ އަންޖަލީ ކައުރު ވިދާޅުވިއެެވެ.
އެމެރިކާއާއި ރާއްޖެއާ ދެމެދު ވެފައިވާ މި ބައިލޭޓްރަލް އެހީގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 12 މާޗް 2019ގައެވެ. އޭގެ ފަހުން އެމެރިކާއިންވަނީ ރާއްޖެއަށް 28 މިލިއަން ޑޮލަރަށްވުރެ ގިނަ ބައިލޭޓްރަލް އެހީ ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފައެވެ.
މި އެހީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ގާނޫނީ ބާރުވެރިކަން ހަރުދަނާކުރުމާއި، ހިންގުމުގެ ނިޒާމު ލާމަރުކަޒު ކުރުމަށް އެހީވުމާއި، ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ.