ޚަބަރު

ކޮންކުރީޓު ތަރައްގީ މިއަދު ނަޝީދަށް ކަމުގޮސްފި: ޝިޔާމް

ދެން އެމްވީ ، ދެން އޮންލައިން

ހައިމާކާއި ސޭލާ އަދި ކޮންކުރީޓު މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމުގޮސްފި ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަރުކާރުން ހިންގަމުންދާ ބައެއް އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ފޮޓޯތައް ރައީސް ނަޝީދު ޓުވިޓާގައި ހިއްސާ ކުރައްވަން ފެއްޓެވުމުން މިއަދު ޝިޔާމް ވަނީ ރައީސް ނަޝީދު ކުރިން ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯ ހިއްސާ ކުރައްވާފައެވެ.

އެ ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވަނީ ކޮންކިރިޓު މެޝިނާއި، ހައިމާކާއި ސޭލާގެ ފޮޓޯއަކީ ތަރައްޤީގެ ފޮޓޯއެއް ނޫންކަމަށެވެ. އަދި ތަރައްޤީ އަކީ ގަލަމާއި ބޭސްގުޅަކަމަށް ވިދާޅުވިއެވެ.

އެވާހަކަތަކަށް ފާޑު ވިދާޅުވެ ޝިޔާމް ވިދާޅުވީ މިއަދު ހައިމާކާއި ސޭލާ އަދި ކޮންކިރިޓު މާކަމުދާ ތަކެއްޗަށް އެބަވާކަމަށެވެ.

"ރައްޔިތުންނަށް ވެވަޑައިގެންނެވި ހާސް ވައުދު ފުއްދަވައިފިނަމަ ކިތަންމެހާވެސް ރަނގަޅު. މާ 'ސްލޯ' ކޮށް ތި އުޅުއްވަނީ އެކަމަކު." ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު ޖަލްސާއަށް ފަހު ސަރުކާރުގެ އިސްވެރިން ދަނީ ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތަކުގެ ފޮޓޯތައް ޓުވިޓާގައި ހިއްސާ ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!