ޕްރީ އެކްޓިވޭޓަޑް ސިމް ކާޑު ވިއްކުން މިއަދުން ފެށިގެން މަނާކޮށްފި
ރަޖިސްޓްރީ ނުކުރާ ސިމް ބޭނުންކޮށްގެން ސްކޭމް ކޯލުތައް ކުރުން ފަދަ ނޭދެވޭ މައްސަލަތައް ގިނަވާތީ އެކަން ހައްލު ކުރުމުގެ ގޮތުން ޕްރީ އެކްޓިވޭޓަޑް ސިމް ކާޑު ވިއްކުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ވިދާޅުވީ މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގައެވެ.
އުސޫލަށް ގެނައި ބަދަލުތަކާއެކު ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓިވޭޓަޑް ސްޓޭޓަސް) ހާލަތުގައި ކަމަށް ކެމްއިން ވިދާޅުވިއެވެ.
ކެމްއިން ވިދާޅުވީ ސިމްކާޑު އެކްޓިވޭޓް ވާނީ ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުން ކަމުގައެވެ.
ކެމްއިން އިތުރަށް ވިދާޅުވީ ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.