މުޒާހަރާތަކާއެކު ޗައިނާގައި ލުއިތައް ދޭން މަޖުބޫރުވެއްޖެ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކަކަށް ޗައިނާގެ ވެރިރަށް ބެއިޖިންގގައި ލުއިތަކެއް ދީފިއެވެ.
އެގޮތުން އަންގާރަ ދުވަހުން ފެށިގެން ބެއިޖިންގގެ ޕާކުތަކާއި، އޮފީސްތަކާއި ސުޕަމާކެޓްތަކާއި އެއާޕޯޓްތަކަށް ވަނުމުގައި ކޮވިޑް ނެގެޓިވް ޓެސްޓެއް ބޭނުމެއްނުވާނެއެވެ. މިއީ މިދިޔަ މަހު ޗައިނާގައި ހިނގާދިޔަ ބޮޑެތި މުޒާހަރާތަކާއި ގުޅިގެން ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން އަންނަ ދިނުމަށް އެންމެފަހުން އިތުރުވި ކަންކަމެވެ.
މިއާއެކު ބެއިޖިންގގައި ދިރިއުޅޭ ރައްޔިތުން އަންނަނީ އެމީހުންނަށް ލިބިގެންދިޔަ މިނިވަންކަމުގެ ބޭނުން ހިފަމުންނެވެ.
ބެއިޖިންގގެ އެއާޕޯޓްތަކަށް ވަނުމުގައި މިހާރު ނެގެޓިވް ކޮވިޑް ޓެސްޓެއް އޮތްތޯ ނުބަލައެވެ. ނަމަވެސް އަދި ގަވާއިދުން އެބަދަލު ގެނައިތަނެއް ނުފެނެއެވެ.
ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއިން އިތުރު 10 ކަމަކަށް ލުއި ދިނުމަށް ބުދަ ދުވަހު އިއުލާންކުރާނެއެވެ. ފިޔަވަޅުތަކަށް ލުއިތައް ދޭންފެށުމުން އިންވެސްޓްކުރާ ފަރާތްތަކުންވެސް ވަނީ އެކަމުގެ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އެއާއެކު ޗައިނާގެ އިގްތިޞާދު ކުރިއަރައިދާނެކަމަށް ވަނީ ބެލެވިފައެވެ.