މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ދަނޑުވެރިންގެ ބޮޑު ތަރުޙީބެއް
މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެން ދިޔަ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ހައްދާ ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމް ކުރެވުނު ނާސަރީ އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލުމާއިއެކު، ގަސް ހެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅު ތެރޭގެ ދަނޑުވެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ ޓީމުން އަތޮޅުތެތޭގެ ދަނޑުވެރިންއަތުން ގަސްތައް ބައްލަވައިގަންނަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ”މާލެ ފެހި“ އައުޓްލެޓަށް ބޭނުންވާ ގަސްތައް އަތޮޅުތެރޭގެ ދަނޑުވެރިން އަތުން ބައްލަވައިގަތުމަކީ ގަސްހައްދާ ފަރާތްތަކަށް ލިބިގެންދާ ހިތްވަރެއްކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި ދަނޑުވެރިން ސިފަކުރެއެވެ.
ކައުންސިލްގެ ގަސް ޕްރޮގްރާމަށް ލިބެމުންދާ ތަރުޙީބާ ގުޅޭގޮތުން ގަސްކޮމެޓީގެ މުޤައްރިރު އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު ވިދާޅުވީ މި ޕްރޮގްރާމް ފެށިއިރުވެސް މޭޔަރު މުޢިއްޒު އާއި ކައުންސިލްގެ ވިސްނުމަކީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެމީހުންނަށްވެސް މަންފާވާގޮތަށް މިކަން ކުރިއަށްގެންދިއުން ކަމަށެވެ.
ނާޞިރު ވިދާޅުވީ "މާލެ ފެހި" ޑިޒައިން ކުރެވިފައި ވަނީ ގަސް ގަންނަ ސެންޓަރެއްގެ ގޮތުގައި ގޮތުގައި ކަމަށާއި، މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީއިން އަތޮޅުތެރޭގެ ރަށްރަށުގަ ގަސްހައްދާ ފަރާތްތަކުގެ އަތުން ބަލްކްކޮށް ގަސްތައް ގަންނަމުންދާކަމަށެވެ.
"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަދުވަހުގެ ރެއެވެ. "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.