ޕޯސްޓް މޯޓަމް ހަދަން ފޮނުވަން ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި

ހދ.ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުޙައްމަދުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ނިޝާމާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމުގައެވެ. އަދި މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓް މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ޢުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހު މެންދުރުއެވެ.
ތިން ދަރިންގެ މަންމަ ނިޝާމާ މަރުވެފައި އޮތްކަން އެނގުނީ ޚަބަރެއް ނުވާތީ ކޮޓަރިތެރެ ބެލުމުންނެވެ. އޭރު ނިޝާމާ އޮތީ މުށިތައް މަތީގައި ކަމަށާއި ޢުމުރުން ހަތަރު އަހަރުގެ ދަރިފުޅު އޮތީ މަންމަ ގާތުގައި ބުއް ބޯން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.
ނިޝާމާ ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ނޫވެފައި ކަމަށާއި މަރުވެފައިވަނީ ނޭވާ ހާސްވުމުގެ ސަބަބުން ކަމަށް ޢާއިލާއިން ގަބޫލުކުރެއެވެ.
ނިޝާމާގެ މަރުގެ މައްސަލައިގައި އެ ރަށު މީހުންނާއި ޢާއިލާއިން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ ފައިސަލް އަބޫބަކުރަށެވެ.
ފައިސަލް ހައްޔަރުކޮށްފައިވާއިރު ކުޅުދުށްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުުރުމުން ރޭ އޭނާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.