ވެރިކަމުގައި ހުންނެވި އިރަށްވުރެ ރައީސް ޔާމީނަށް އޮތް ތާއީދު މިހާރު މާ ބޮޑުތަނުން އިތުރު: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނެވި އިރަށްވުރެ ވެސް މިހާރު އެމަނިކުފާނަށް އޮތް ތާއީދު މާ ބޮޑުތަނުން އިތުރުވަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށާއި ތާއީދު އިތުރުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސްގެ އިސް ބޭފުޅުން ލ. އަތޮޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ޖަލުގައި އޮންނަން ޖެހޭ ބޭފުޅެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ.
"ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރަށްވުރެ އެމަނިކުފާނަށް އޮތް ތާއީދު މާ ބޮޑުތަނުން ވެސް ދަނީ އިތުރުވަމުން. އެބޭފުޅުން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ރައީސް ޔާމީނަށް މިގޮތަށް އަނިޔާކުރުން މިއީކީއެއް. ދިވެހި ރައްޔިތުން ގަބޫލެއް ނުކުރޭ ރައީސް ޔާމީނަކީ ޖަލުގައި އޮންނަން ޖެހޭ ބޭފުޅެއް ކަމަކަށް. އެއަށްވުރެ މާ ހިދުމަތްތެރި ބޭފުޅެއް. މާ އިހުލާސްތެރިކަމާއެކީ، މާ ވަފާތެރިކަމާއެކީ ގައުމަށް ހިދުމަތްކޮށްދެއްވި ބޭފުޅެއް. ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ގޮތުން ދެމުންގެންދާ އަނިޔާއެއް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން އެންމެ ފަހުން ކުރި ދަތުރަކީ ދ. ކުޑަހުވަދުއަށް ކުރި ދަތުރު ކަމަށާއި އެ ދަތުރަކީ އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކުރިން ކުރެއްވި ދަތުރެއް ކަމަށެވެ.
"ކުޑަހުވަދޫގެ ރައްޔިތުން އަމިއްލައަށް ބޭނުންވީ ރައީސް ޔާމީން ޖަލުގައި ހުންނެވީމަ، އެމަނިކުފާނު ދޫކޮށްލަން ގޮވާލައި، އެރަށުގައި އެއްވުމެއް ބާއްވަން. އެ އެއްވުމުގައި ޕާޓީގެ ލީޑާޝިޕުން ބައިވެރިވާން އެދުނީމަ އަޅުގަނޑުމެން އެރަށަށް ދިޔައީ. ތާއީދު އިތުރުވަމުންދާ ކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ސަބަބަކީ ދެ ދުވަހުގެ ތެރޭގައި ކުޑަހުވަދޫގެ ރައްޔިތުންގެ ތެރެއިން 951 ބޭފުޅަކު ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި، ޕެޓިޝަނުގައި ސޮއިކޮށްފައި،" ޕީއެންސީގެ ރައީސް ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް ވަރަށް ތަނަވަސް އަގުލަބިއްޔަތެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ކުޑަހުވަދޫގެ ރައްޔިތުން ދީފައިވާ ކަމަށެވެ.