އެމެރިކާގެ ގިނަ ބަޔަކު ކޮވިޑް19 ވެކްސިން ޖެހުމާ ދެކޮޅު
އެމެރިކާގެ ގިނަ އަދަދެއްގެ މީހުން ކޮވިޑް19 ވެކްސިން ޖަހަން ބޭނުންް ނުވާ ކަން އެގައުމުގައި ނެގި ޕޯލަކުން ހާމަވެއްޖެއެވެ. އެގޮތުން އެމެރިކާގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި މީހުން ކޮވިޑް19 އަށް ވެކްސިންޖެހުމާ ދެކޮޅެވެ.
މި ޕޯލް ގައި ބައިވެރިވި 65 އިންސައްތަ މީހުން ބުނެފައިވާ ގޮތުގައި ވެކްސިން ހިލޭ ޖަހާނެ ފުރުސަތު ލިބިއްޖެ ނަމަ އެމީހުން ވެކްސިން ޖަހަން ތައްޔާރެވެ.
ނަމަވެސް ބާކީ ތިބި 35 އިންސައްތަ މީހުން ކޮވިޑް19 ވެކްސިން ޖެހުމާ ދެކޮޅެވެ. އަދި ވެކްސިން އަށް އެފްޑީއޭ ހުއްދަ ދީ ހިލޭ ޖަހައިދިން ކަމުގައި ވިޔަސް އެމީހުން ވެކްސިން ނުޖަހާނެ ކަމަށް ބުނެފައިވެއެވެ.
ވެކްސިން ޖެހުމާއި ދެކޮޅު ހަދާފައިވާ ގިނަ މީހުން ވެކްސިން ޖެހުމަށް އިންކާރު ކުރަނީ ސިޔާސީ އެކި ފިކުރުތަކުގެ ސަބަބުން ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއަކީ މުޅި ދުނިޔެއިން ވެސް އެންމެ ބޮޑަށް ކޮވިޑް19 ގެ އަސަރުކޮށްފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 5 މިލިއަނަށް ވުރެ ގިނަ މީހުނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި 165,617 މީހުންގެ މަރާއެކު ދުނިޔެއިން ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ ލިސްޓުގެ އެއްވަނައިގައި އޮތީ ވެސް އެމެރިކާއެވެ.