ނިޝާމާ މަރާލި ކަމަށް ތުހުމަތުވާ ފައިސަލް ދިރިހުންނާނެ ކަމުގެ އުންމީދެއް ނެތް

ހދ ނޮޅިވަރަމުގައި މިދިޔަ ހޮނިހިރު ދުވަހު އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުގައި ހުއްޓާ އަމިއްލައަށް ދަން ޖެހެން މަސައްކަތް ކުރި އަބޫބަކުރު ފައިސަލް ދިރިހުންނާނެ ކަމުގެ އުންމީދު ކަނޑާލާފައިވާކަން އިނގިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އަދި ޑޮކްޓަރުން ވަނީ އޭނާ ދިރިހުންނާނެ ކަމުގެ އުންމީދު ކަނޑާލާފައެވެ.
އދ. ފެންފުށި އުމުރުން 32 އަހަރުގެ ފައިސަލް ފުލުހުންގެ ހައްޔަރުގައި ހުރީ އޭނާގެ އަނބިމީހާ ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ކުރެވޭތީއެވެ. އޭނާ ހުރީ ހދ. ކުޅުދުއްފުށީ ގޮޅީގައެވެ. ދަންޖެހިފައި ހުއްޓާ ފެނުނީ ގޮޅީ ތެރެއިންނެވެ. ދަން ޖެހިފައި ހުއްޓާ ފުލުހުންނަށް އޭނާ ފެނިފައިވަނީ ރޭ 11:15 ކަންހާއިރުއެވެ.