ޚަބަރު

މިނިމަމް ވޭޖު ރިޕޯޓު އިގްތިސާދީ ކޮމިޓީން ދަނީ ދިރާސާ ކުރަމުން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން އެކުލަވާލި ރިޕޯޓު މިހާރު އޮތީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ކަމަށާއި އެ ކޮމެޓީން ރިޕޯޓު ދިރާސާކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ. މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖު ބޯޑުގެ ރިޕޯޓަށް ލަފާއެއް ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި މަޖިލީހުގެ ލަފައެއް އެކަމުގައި ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މިނިމަމް ވޭޖުގެ ރިޕޯޓާއެކު އިކޮނޮމިކް މިނިސްޓްރީ އިން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީ އާއި ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހު އެ ރިޕޯޓު އިގްތިސާދީ ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށެވެ.

ނަޝިދު ވިދާޅުވީ އިގްތިސާދީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރަމުންދާ ކަމަށާއި މިއަަދު ވެސް އެ ކަމަށް ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގައި ކޮމިޓީން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށް، މަޝްވަރާކޮށް ވާހަކަދައްކާ ކަންކަން ސާފުކުރާނެ ކަމަށާއި ކޮމިޓީގެ ނިންމުގައި އަދަދެއް ހިމެނެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޮމިޓީގެ ނިންމުގައި އަދަދެއް ހިމެނެންޖެހޭ. އެއީ އެންމެ ކުޑަ އުޖޫރައިގެ އަދަދު ހިމެނެންޖެހޭ. އެ ނިންމުމާއެކު މަޖިލީހުގެ ތަޅުމަށް ގެނެވޭނެ. ދެން އެރިޕޯޓާގުޅޭގޮތުން މަޖިލީހުން ނިންމާ ނިންމުން އެއީ މަޖިލީހުގެ ނިންމުން. މިނިސްޓަރ އެދިވަޑައިގަންފައިވަނީ މަޖިލީހުގެ ލަފަޔަކަށް" ނަޝީދު ވިދާޅުވިއެވެ.

ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު އިކޮނޮމިކް މިނިސްޓްރީން އަދި ހާމަކޮށްފައިނުވާއިރު މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!